ސިޔާސީ މުވައްޒަފުންގެ އަދަދު ވަނީ އޮޅުވާލާފައި: އަމީރު

އަވަސް

18 ޖުލައި 2025 | ހުކުރު | 1:37

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ތިބި ސިޔާސީ މުވައްޒަފުންގެ އަދަދު ކަމަށް ބުނެ ހާމަކޮށްފައިވާ އަދަދަކީ ބޮޑު އޮޅުވާލުމެއް ކަމަށް ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒުގެ ސަރުކާރުގައި ސިޔާސީ މުވައްޒަފުންގެ ގޮތުގައި ތިބީ 922 މުވައްޒަފުން ކަމަށް މިމަހުގެ 15 ވަނަ ދުވަހުގެ ރޭ ދަންވަރު ރައީސް އޮފީހުން ބުނެފައިވެ އެވެ.

ރައީސް އޮފީހުން ހާމަކުރި މައުލޫމާތާ ގުޅިގެން އެމްޑީޕީ ހަރުގޭގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އަމީރު ވިދާޅުވީ ސަރުކާރުން ހަދާފައިވަނީ ބުހުތާނު ދޮގެއް ކަމަށެވެ. އަމީރު ވިދާޅުވީ ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަކުރިއިރު ރިޔާސީ ގަނޑުވަރު -- މުލިއާގެއާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބް ދިރިއުޅުއްވާ -- ހިލާލީގެ އާއި، ރައީސް އޮފީހާއި ރަށްރަށުގައި ހަދާފައިވާ ޔޫތު ސެންޓަރުތަކާއި، ހެލްތު ސެންޓަރުތަކާއި، ހޮސްޕިޓަލްތަކަށް އައްޔަންކޮށްފައިވާ ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަކޮށްފައި ނުވާ ކަމަށެވެ. ރައީސް މުއިއްޒުގެ ސަރުކާރުގައި ގާތްގަނޑަކަށް 2،280 ސިޔާސީ މުވައްޒަފުން ތިބި ކަމަށްވެސް އަމީރު ތުހުމަތުކުރެއްވި އެވެ. އަމީރު ވިދާޅުވީ މިސަރުކާރުން ތައްޔާރުކޮށްފައިވާ ލިޔުމަކުން އެ އަދަދު ފެނިވަޑައިގެންނެވި ކަމަށެވެ. ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތީ ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށް ވުރެ އިތުރު ނުކުރާނެ ކަމުގެ ވައުދާ އެކު އެވެ. ނަމަވެސް ސިޔާސީ މުވައްޒަފުންގެ އަދަދު އެއަށްވުރެ މައްޗަށް ދިއުމާ ގުޅިގެން ކުރިމަތިވި ފާޑުކިޔުންތަކާއި ގުޅިގެންނާއި މާލީ ހާލަތު ރަނގަޅުކުރަން އެޅި ފިޔަވަޅުތަކުގެ ދަށުން ސިޔާސީ މުވައްޒަފުންގެ ގޮތުގައި ތިއްބެވި މުވައްޒަފުންގެ ތެރެއިން 10 ޕަސަންޓް މުވައްޒަފުން މަދުކުރުމަށް ސަރުކާރުން ފަހުން ނިންމި އެވެ. ސަރުކާރުގެ އެ ނިންމުމާ އެކުވެސް ސިޔާސީ މުވައްޒަފުންގެ އަދަދު 2،000 އަށް ވުރެ ދަށް ނުވާ ކަމަށްވެސް އަމީރު ވިދާޅުވެފައިވެ އެވެ. އަމީރު އިތުރަށް ވިދާޅުވީ ރައީސް މުއިއްޒުގެ ސަރުކާރުން ސިޔާސީ މުވައްޒަފުންގެ އަދަދު ގުނާފައިވާ ގޮތުން އެމްޑީޕީ ސަރުކާރުން ސިޔާސީ މުވައްޒަފުންގެ އަދަދު ގުނި ނަމަ 400 އަށް ވެސް އެ އަދަދު ނާރާނެ ކަމަށެވެ.

މައުޟޫޢުތަށް