12 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ބަލަނީ
އަވަސް
18 ޖުލައި 2025 | ހުކުރު | 11:15
ދެކުނުގެ ރަށެއްގައި 12 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވެއްޖެ އެވެ.
މިއަމަލު ހިންގީ ސައުތު ޕޮލިސް އިން ބަލަހައްޓަމުންދާ ގއ. އަތޮޅާއި ގދ. އަތޮޅު، ފުވައްމުލަކު އަދި އައްޑޫ ސިޓީ ހިމެނޭ ސަރަަހައްދުގެ ރަށެއްގައެވެ. ފުލުހުން ބުނީ އިތުބާރު ހުރި މަގާމެއްގައި ހުރި މީހަކު 12 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް އެ އިދާރާ އިން ބަލަމުންދާ ކަމަށެވެ. ފުލުހުންނަށް މި މައްސަލަ ހުށަހަޅާފައިވަނީ މި މަހުގެ 16 ވަނަ ދުވަހު އެވެ. މި އަމަލު ހިންގި ރަށުގެ ޕޮލިހާއި ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނާ ގުޅިގެން މައްސަލަ ބަލަމުންދާ ކަމަށްވެސް ފުލުހުން މައުލޫމާތު ދީފައިވެ އެވެ. ކުޑަކުދިންނާ ގުޅުންހުރި މައްސަލަތަކަކީ ފުލުހުން އަބަދުވެސް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލަމުންދާ މައްސަލަތަކެކެވެ.