ވައިގެ މަގުން ކުޅުދުއްފުށްޓަށް ޑްރަގު އެތެރެކުރަން އުޅުނު ދެ މީހުން ހައްޔަރުކޮށްފި

އަވަސް

20 ޖުލައި 2025 | އާދިއްތަ | 11:04

ވައިގެ މަގުން ކުޅުދުއްފުށި ސިޓީއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުމުގެ ކުށުގައި ދެ ދެމީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ކުޅުދުއްފުށި ސިޓީ ޕޮލިސް ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ހދ. ކުޅުދުއްފުށި، ލީޑް، މުހައްމަދު ހުމާމް ހަސަން ނައީމް (29އ) އާއި، މ. އަރޫދާގެ، އަބްދުﷲ އިބްރާހިމް (53އ) އެވެ. މި ދެމީހުން ވެސް ހައްޔަރުކޮށްފައިވަނީ ކުޅުދުއްފުށީ އެއާޕޯޓް ސަރަހައްދުންނެވެ. ފުލުހުން ބުނީ މި މަހުގެ 18 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި ދެ މީހުން ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ތިން ރަބަރު ޕެކެޓާއި ޖޫސްޕެޓީ ކޮތަޅެއް ފެނިފައިވާ ކަމަށެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 52.2 ގުރާމެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ހުމާމް 10 ދުވަހަށް އަދި އަބްދުﷲ އިބްރާހީމް 15 ދުވަހު ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. މި މައްސަލަ ކުޅުދުއްފުށި ސިޓީ ޕޮލިހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މައުޟޫޢުތަށް