ކޭ ކާޕް މައްސަލައިގައި މަޖިލީހަށް ގަރާރެއް
އަވަސް
21 ޖުލައި 2025 | ހޯމަ | 8:56
ކޭ ޕާކް ރެސިޑެންސްގެ ނަމުގައި އަމިއްލަ ކުންފުންޏަކުން ހުޅުމާލޭގައި ފެށި ހައުސިން މަޝްރޫއުއާ ގުޅިގެން ދިމާވެފައިވާ މައްސަލަތައް ހައްލުނުވެ ދިގުލައިގެންދާތީ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.
ރައްޔިތުންގެ މަޖިލީހަށް މި ގަރާރު ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް އެވެ. މެންބަރު ހުށަހެޅުއްވި ގަރާރުގައި ބުނީ އަމިއްލަ ކުންފުންޏަކުން ފެށި ކޭ-ޕާކް ރެސިޑެންސް މަޝްރޫއިން ފްލެޓް ގަތުމަށްޓަކައި އެއްބަސްވުމުގައި ސޮއިކޮށް ގިނަ އަދަދެއްގެ ބަޔަކު ޑައުން-ޕޭމަންޓް ދައްކައި އަދި ބައެއް މީހުން ފްލެޓްގެ ޖުމްލަ އަގު ދެއްކި ނަމަވެސް މަޝްރޫއުގެ މަސައްކަތް ނުނިމި އަހަރުތަކެއް ފާއިތުވެގެން ގޮސްފައިވާ ކަމަށެވެ. އެ މަޝްރޫއުގެ ފްލެޓްތަކުގެ ތެރެއިން އެއް ފްލެޓް އެކަކަށްވުރެ ގިނަ މީހުންނަށް ވިއްކުމަށް އެއްބަސްވެފައިވާ ކަމަށާއި ފްލެޓް ވިއްކުމުގެ ނަމުގައި ވަރަށް ގިނަ ބައެއްގެ އަތުން ފައިސާ ނަގާފައިވާކަން އެނގެން އޮތް ކަމަށްވެސް ގަރާރުގައި ބުނެފައިވެ އެވެ. "ދެންނެވުނު ފަރާތްތަކުގެ ތެރެއިން، ފްލެޓް ދޭނެ. ފަރާތެއް ކަނޑަނޭޅި ލަސްވަމުން ދިއުމުގެ ސަބަބުން، އެފަރާތްތަކުގެ ހައްގުތައް ރައްކާތެރިކުރެވޭނެކަމުގެ ޔަގީންކަން ކުޑަވަމުންދާ ހިނދު،" ގަރާރުގައި ބުނެފައިވެ އެވެ. ފައިސާ ދެއްކުމަށްފަހު ފްލެޓް ނުލިބި ލަސްވަމުން ދިއުމުގެ ސަބަބުން މާލީ ގޮތުން ގެއްލުންވެ އެ ފައިސާ އެ މަޝްރޫގައި ހިފެހެއްޓިފައި ހުރުމުގެ ސަބަބުން އެހެން މަޝްރޫއަކުން ފްލެޓެއް ގަތުމުގެ ފުރުސަތު ބަންދުވެފައިވާ ކަމަށްވެސް ގަރާރުގައި ބުނެފައިވެ އެވެ. މީގެ އިތުރުން ފްލެޓެއް ގަތުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައި އޮތުމަކީ އެހެން ފްލެޓެއް ނުލިބޭނެ ސަބަބެއް ކަމަށް އަސާސީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ހިންގާ ސޯޝަލް ހައުސިން މަޝްރޫއުތަކުގެ ޝަރުތެއްގެ ގޮތުގައި ކަނޑައަޅާފައިވާކަން ގަރާރުގައި ފާހަގަކޮށްފައިވެ އެވެ. މި މައްސަލަތައް ހައްލުކޮށްދޭތޯ ދައުލަތުގެ އިދާރާތަކަށް ސިޓީ ފޮނުވައި ވެރިންނާ ބައްދަލުކުރުމަށް އެދުނު ނަމަވެސް އެކަށީގެންވ ޖަވާބެއް ނުލިބޭ ކަމަށްވެސް ގަރާރުގައި ވަނީ ބުނެފަ އެވެ. މި ގަރާރު ހުށަހެޅީ މިކަމުގައި މެންބަރުން ދެކެވަޑައިގަންނަވާ ގޮތެއް ދެނެގަތުމަށްކަމަށް ގަރާރުގައި ބުނެފައިވެ އެވެ.