އެންމެ ވައިގަދަވީ މާފަރަށް، 51 މޭލަށް ވައި ގަދަވި

އަވަސް

21 ޖުލައި 2025 | ހޯމަ | 10:26

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އެންމެ ވައި ގަދަވީ ނ. މާފަރަށް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ -- މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) ހާމަކޮށްފި އެވެ.

މެޓް އޮފީހުން ހާމަކުރި ގޮތުގައި އިއްޔެ ހެނދުނު 8:00 އިން މިއަދު ހެނދުނު 8:00 އަށް ނ. މާފަރަށް ވިލާގަނޑުގައި 51 މޭލު ބާރުމިނުގައި ވައިޖެހުނެވެ. މާފަރުގައި އާންމު ވައި އެންމެ ގަދަވީ 20 މޭލަށެވެ. ބ. ދަރަވަންދޫއަށް ވިލާގަނޑުގައި 50 މޭލު ބާރުމިނުގައި ވައިޖެހުނުއިރު އާންމު ވައި އެންމެ ގަދަވީ 16 މޭލަށެވެ.

ރާއްޖޭގެ މޫސުން މިއަދަށް ލަފާކުރާ ގޮތާއި ގުޅޭ ގޮތުން މެޓް އޮފީހުން ބުނީ ހުޅަނގު ދެކުނާއި ހުޅަނގުން ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު ފަސް މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި އެހެން ހިސާބުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލާއި 45 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް މެޓް އޮފީހުން ބުންޏެވެ. އުތުރާއި މެދުރާއްޖެ ތެރޭގެ ކަނޑުތައް ގަދަވާނެ ކަމަށާއި ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށްވެސް މެޓް އޮފީހުން ވަނީ ބުނެފަ އެވެ.

މައުޟޫޢުތަށް