މާފަރުގެ ފެނާއި ނަރުދަމާގެ ހިދުމަތް ރަސްމީކޮށް ފަށައިފި
އަވަސް
21 ޖުލައި 2025 | ހޯމަ | 11:15
ނ. މާފަރުގެ ފެނާއި ނަރުދަމާގެ ހިދުމަތް ރަސްމީކޮށް ފަށައިފި އެވެ.
މާފަރުގެ ފެނާއި ނަރުދަމާގެ ހިދުމަތް އިފްތިތާހުކޮށް ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ. މިރަސްމިއްޔާތުގައި އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދު އާއި ދައުލަތުގެ ވަޒީރުންގެ އިތުރުން ރަށުގެ ރައްޔިތުން ބައިވެރިވި އެވެ. މިމަޝްރޫޢުގެ ދަށުން، މާފަރުގައި ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގ ޤާއިމްކޮށް، ފެނާއި ނަރުދަމާ ހޮޅީގެ މައިނެޓްވޯކް އަޅައި އަދި ގޭގެއަށް ފެނާއި ނަރުދަމާ ކަނެކްޝަން ވަނީ ގުޅައިދީފަ އެވެ. މީގެ އިތުރުން، ފެންރައްކާ ކުރުމަށް ތާންގި ބަހައްޓައި، ބޯހޯލް ތޮރުފައި، ޕަންޕިން ސްޓޭޝަނާއި، ސީ އައުޓް ފޯލް އަދި ރިޖެކްޓް ލައިންވެސް ވަނީ އަޅާފަ އެވެ. އަދި ގޭގެގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާގެ ކަނެކްޝަން ވަނީ ގުޅައިދީފަ އެވެ. މީގެ އިތުރުން މި މަޝްރޫޢުގެ ދަށުން ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ވެހިކަލް ވަނީ ފޯރުކޮށްދީފަ އެވެ. ނ.މާފަރުގެ ފެނާއި ނަރުދަމާ މަޝްރޫޢަކީ ހައުސިން މިނިސްޓްރީގެ ފަރާތުން އެމްޑަބްލިޔުއެސްސީ އާއި ހަވާލުކޮށްގެން ކުރިޔަށްގެން ދިޔަ މަޝްރޫޢުއެކެވެ. މިމަޝްރޫޢުގެ ޖުމްލަ އަގަކީ 94.41 މިލިއަން ދިވެހި ރުފިޔާ އެވެ. މިމަޝްރޫޢުގެ ސަބަބުން މާފަރުގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާ ނިޒާމެއް ލިބިގެންދާނެ ކަމަށް އެމްޑަބްލިޔުއެސްސީ އިން ވަނީ ބުނެފަ އެވެ.