އޭޝިއާ ބާލިން ސަމިޓްގައި ބައިވެރިވާން ހުޅުވާލައިފި
އަވަސް
21 ޖުލައި 2025 | ހޯމަ | 11:36
އޭޝިއާ ބާލިން ސަމިޓްގައި ބައިވެރިވުމުގެ ފުރުސަތު އިކޮނޮމިކް މިނިސްޓްރީން ހުޅުވާލައިފި އެވެ.
މި ސަމިޓް ބޭއްވުމަށް ހަމަޖެހިފައިވަނީ ޖަރުމަނު ވިލާތުގެ ވެރިރަށް، ބާލިންގައި މި އަހަރުގެ ނޮވެމްބަރު 24 އިން 28 އަށެވެ. އިކޮނޮމިކް މިނިސްޓްރީން ބުނީ މި ސަމިޓުގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖޭގެ ވިޔަފާރިތަކަށް ހުޅުވާލާފައިވާކަން ބާލިން ގައި ހުންނަ ރާއްޖޭގެ މިޝަން މެދުވެރިކޮށް ޖަރުމަނުގެ ސަރުކާރުން މިނިސްޓްރީއަށް އަންގަވާފައިވާ ކަމަށެވެ. "ކަނެކްޓިން ސްޓާޓްއަޕް އީކޯސިސްޓަމްސް ފޮ ޑައިވާސިޓީ އެންޑް އިނޮވޭޝަން" މި ޝިއާރުގެ ދަށުން ބާއްވާ މި ސަމިޓަކީ ބައިނަލްއަގުވާމީ އުފެއްދުންތެރިންނާއި ވިޔަފާރިވެރިންނާއި ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި އިންވެސްޓަރުން ބައިވެރިވާ މުހިންމު ސަމިޓެކެވެ. ސަމިޓުގައި އަލި އަޅުވާލާ ދާއިރާތަކުގެ ތެރޭގައި ސިއްހީ ދާއިރާ، ޓެކް، ފިން-ޓެކް، ގްރީން-ޓެކް، މޮބިލިޓީ، އަދި ކްރިއޭޓިވް އިކޮނޮމީ ހިމެނެ އެވެ. އިކޮނޮމިކް މިނިސްޓްރީން ބުނި ގޮތުގައި މި ސަމިޓަކީ ރާއްޖޭގެ ވިޔަފާރިތަކުގެ އިނޮވޭޝަން ލޭންޑްސްކޭޕް އަދި ސްޓާޓްއަޕް އިކޯސިސްޓަމް ދައްކާލުމަށް އަގުހުރި ޕްލެޓްފޯމެކެވެ. އެކި ގައުމުތަކުގެ ވިޔަފާރިވެރިންނާ ގުޅުން ބަދަހިކޮށް، ވިޔަފާރީގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ތަފާތު އެކި އެކި ހަރަކާރްތައް މި ސަމިޓުގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން އެކްސްކްލޫސިވް ރައުންޑް ޓޭބަލްތަކުގައި ބައިވެރިވެ، ކޯ ހޯސްޓް ސެޝަންތަކުގައި ނުވަތަ ސަގާފީ ޝޯކޭސްތަކުގައި ބައިވެރިވުމާއި، އިވެންޓުތަކުގައި ސަގާފީ ކާނާ ސްޕޮންސާކޮށްގެން އެފަރާތެއްގެ ގައުމީ ތަރިކަ ދައްކުވައިދިނުމަށްވެސް މި ސަމިޓުގައި ފުރުސަތު ހުޅުވާލެވިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ.