ގަވަރުނަރާ ބައްދަލުކުރަން އެމްޑީޕީ ޕީޖީން އެމްއެމްއޭއަށް
އަވަސް
21 ޖުލައި 2025 | ހޯމަ | 12:39
މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު އަހުމަދު މުނައްވަރާ ބައްދަލުކުރަން އިދިކޮޅު އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕް (ޕީޖީ) އިން އެމްއެމްއޭއަށް ގޮސްފި އެވެ.
ރާއްޖޭން ޑޮލަރު ލިބުން ދަތިވުމުން ގަވަރުނަރާ ބައްދަލުކުރަން އެމްޑީޕީގެ ޕީޖީ އިން އެދުނެވެ. އެމްޑީޕީން ބުނީ ޑޮލަރުގެ އަގު ހިފެހެއްޓުމެއް ނެތި އުފުލެމުންދާއިރު އެކަމުގައި އެއްވެސް ބަހެއް ވިދާޅުނުވެ ހުންނެވުމާއި ދައުލަތުގެ ރިޒާވު ބޭނުންކޮށްގެން ރަސްމާލެ ހިއްކަން ފައިސާ ދައްކާތީ އެމްއެމްއޭގެ ގަވަރުނަރާ ބައްދަލުކުރަން އެދުނު ސިޓީއަށް ޖަވާބެއް ދީފައި ނުވާތީ އެމްޑީޕީގެ ޕީޖީ މިވަގުތު ތިބީ ގަވަރުނަރު ހޯދަން މަރުކަޒީ ބޭންކުގައި ކަމަށެވެ. ގަވަރުނަރާ ބައްދަލުކުރަން އެދި އެމްޑީޕީ ޕީޖީގެ ފަރާތުން ސިޓީ ފޮނުއްވީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕީޖީގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު އިބްރާހިމް އެވެ.
މި ސިޓީގައި ބުނީ ބޭރު ފައިސާއާބެހޭ ގާނޫނަށް މިއަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހު އަމަލުކުރަން ފެށި ނަމަވެސް އިންސާފުވެރިކަމާއި އިހުލާސްތެރިކަމާއެކު ތަންފީޒު ނުކުރެވުމުގެ ނަތީޖާއެއްގެ ގޮތުން ޑޮލަރުގެ ކަޅު ބާޒާރެއް ރަސްމީކޮށް އުފެދިފައިވާ ކަމަށެވެ. ޓޫރިޒަމް ވިޔަފާރިތަކާއި ޑޮލަރުން ބޮޑު އާމްދަނީ ލިބޭ ވިޔަފާރިތަކުން ބޭންކުތަކަށް މާރުކުރާ ޑޮލަރުގެ 60 ޕަސެންޓް އެމްއެމްއޭއަށް ނަގާ ގޮތަށް އޮތް އޮތުން މިއަހަރުގެ ޖެނުއަރީ 1 ވަނަ ދުވަހުން ފެށިގެން ބަދަލުކޮށް އެ ޑޮލަރުގެ 90 ޕަސެންޓް ނަގަން ފެށުމުގެ ސަބަބުން މުދާ އިމްޕޯޓްކުރާ ފަރާތްތަކަށް ޑޮލަރު ލިބުން އިތުރަށް ދަތިވެ ބޭންކުތަކުން އެ ފަރާތްތަކަށް ފޯރުކޮށްދެމުން އައި ޑޮލަރު ލިބުން ހުއްޓުމަކަށް އަންނަކަން ސިޓީގައި ފާހަގަކޮށްފައިވެ އެވެ. ސިޓީގައި ބުނީ ޑޮލަރު ލިބުން ދަތިވުމާއެކު ގިނަ ވިޔަފާރިތަކެއް ހުއްޓުމަކަށް އަތުވެދާނެ ކަމުގެ ބިރު ހީވެފައިވާ ކަމަށާއި މި ދަނޑިވަޅުގައި ސަރުކާރަށް ބޭނުންވާ މިންވަރަށް ޑޮލަރު ހޯދުމަށް ބޭރު ފައިސާ މާރުކުރުމާއި ބޭރު ފައިސާއިން މުއާމަލާތް ކުރުމުގެ ގަވާއިދުތަކާއި އުސޫލުތަކަށް ގެންނަ ކުއްލި ބަދަލުތަކުގެ ނަތީޖާއެއްގެ ގޮތުން ޑޮލަރު ލިބުން އިތުރަށް ދަތިވެދާނެ ކަމުގެ ކަންބޮޑުވުން އޮތް ކަމަށެވެ. މިއީ ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންގެ އިތުރުން އެކި ބޭނުންތަކަށް ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނަށް ބޮޑު ތަކުލީފެއް ކުރިމަތިވެދާނެ ކަމެއް ކަމަށްވެސް ސިޓީގައި ބުނެފައިވެ އެވެ. ސިޓީގައި ވަނީ މުދަލާއި ހިދުމަތުގެ އަގުތައް އުފުލި، ޑޮލަރު ނުލިބުމުގެ ސަބަބުން ބައެއް މުދާ އިމްޕޯޓްކުރުން ވިޔަފާރިވެރިން ހުއްޓާލަންޖެހި، ރާއްޖޭގައި ގިނަ ބާވަތްތަކުގެ އަސާސީ ތަކެއްޗާއި ކާބޯތަކެތި އިތުރަށް އަގުބޮޑުވުން ނުވަތަ ލިބުން ދަތިވުން ނުވަތަ ތަކެތި ހުސްވުމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ ކަންބޮޑުވުންތަކާ ގުޅޭ ގޮތުން ގަވަރުނަރާއި މަޝްވަރާކޮށްލުމަށް ވަރަށް އަވަހަށް ފުރުސަތެއް ދެއްވުމަށް ސިޓީގައި އެދިފައިވެ އެވެ.