އާޒިމާއި ސައިފްގެ ކޯޅުން: ތިލަވަނީ ބޮޑެތި މައްސަލަތައް

އަވަސް

21 ޖުލައި 2025 | ހޯމަ | 2:29

މާލޭގެ މޭޔަރު އާދަމް އާޒިމާއި ކައުންސިލަރު ސައިފް ފާތިހުގެ ކޯޅުމެއް ފެށި ބޮޑު ތުހުމަތެއް ކުރައްވައިފި އެވެ.

މާލޭގެ ދެ ކައުންސިލަރުންގެ މެދުގައި ކޯޅުމެއް ފެށިފައި މިވަނީ މާލެ ސިޓީ ކައުންސިލްގެ މިލްކުވެރިކަމުގައި ހުރި ބިންތަކެއް މާލޭގެ މޭޔަރު އާޒިމު ނުއަގުގައި އެކިއެކި ފަރާތްތަކަށް ދޫކުރާ ކަމަށް ބެލެވޭ ގޮތަށް ސައިފް ވާހަކަ ދެއްކެވުމާ ގުޅިގެންނެވެ. މޭޔަރަށް އެޑްރެސް ކުރައްވާ ސައިފް ފޮނުއްވި ސިޓީއެއްގައި ވަނީ މާލެ ސިޓީ ކައުންސިލްގެ މިލްކުވެރިކަމުގައި ހުރި ބިންތަކަކީ މާލޭގެ ރައްޔިތުންގެ މިލްކަކަށްވާތީ އެފަދަ ބިންތަކަކީ ރައްޔިތުންނަށް ހުރިހާ ގޮތަކުންވެސް މަންފާވާ ގޮތަށް ދޫކުރެވޭ ތަންތަނަށް ވާންޖެހޭނެ ކަމަށް ފާހަގަކުރައްވާފަ އެވެ. އެހެންވެ ސައިފްގެ ސިޓީގައި ވަނީ މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ބިންތަކުގެ ތެރެއިން ކުއްޔަށް ދޫކޮށްފައިވާ ބިންތަކާއި އަގުތައް އެނގޭ ގޮތަށް މައުލޫމާތު ހިއްސާކުރުމަށް އެދިވަޑައިގެންފަ އެވެ. މީގެކުރިންވެސް އެ ތަފްސީލް ހޯދުމަށް އެދިފައިވާ ކަމަށާއި ނަމަވެސް އެ މައުލޫމާތު ނުލިބޭ ކަމަށްވެސް ސައިފް ވިދާޅުވި އެވެ. ސައިފް ގަބޫލުކުރައްވާ ގޮތުގައި މާލޭގެ ބިންތައް ކުއްޔަށް ދީ ނުވަތަ ތަރައްގީކުރަން ޖެހޭނީ ކައުންސިލްގެ ރަސްމީ ޖަލްސާއަކަށް ހުށަހަޅައި، މަޝްވަރާ ކުރެއްވުމަށްފަހު ކައުންސިލަރުން ނިންމަވާ ގޮތަކަށެވެ. ސައިފް ވިދާޅުވާ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މާލޭގެ މޭޔަރަކަށް ހުންނެވި ދުވަސްވަރު މާލޭގެ ބިންތައް އެކިއެކި ފަރާތްތަކަށް ކުއްޔަށް ދެމުން ދިޔައީ އެމަނިކުފާނު އޭރު އުފެއްދެވި ކުޑަ ކޮމިޓީއަކުންނެވެ. އަދި އެ މައްސަލަ އޭސީސީއާއި އެލްޖީއޭއާއި މަޖިލީހުގެ ސަމާލުކަމަށް ގެނައުމުން އޭރު އެއްވެސް ފިޔަވަޅެއް އަޅާފައި ނެތްކަންވެސް ސައިފް ފާހަަކުރެއްވި އެވެ.

ސައިފް އިތުރަށް ވިދާޅުވީ މޭޔަރަށް ރައީސް މުއިއްޒު ހުންނެވި ދުވަސްވަރު ބިންތައް ދޫކުރާ ގޮތް ގޯސްކަމަށް ފެންނާތީ އޭނާ ޖޫން 2023 ގައި ކައުންސިލަށް ހުށަހެޅީ ކައުންސިލް ބައްދަލުވުމަކުން ފާސްކޮށްގެން ނޫނީ ބިންތައް ދޫނުކުރެވޭ ގޮތް ހެދުމަށް ކަމަށާއި އެ ހުށަހެޅުން ފާސްކޮށްފައިވާ ކަމަށެވެ. އެކަމަކު އެ ހުށަހެޅުމަށް ބަލާލުމެއް ނެތި ނުއަގުގައި މާލޭގެ ބިންތައް މާލޭގެ މޭޔަރު އާޒިމް ދިގު މުއްދަތަކަށް އާޒިމް ދޫކުރައްވަމުން ގެންދަވާ ކަމަށްވެސް ސައިފް ތުހުމަތު ކުރައްވަ އެވެ. ސައިފްގެ ތުހުމަތުތަކަށް އާޒިމް ރޭ ރައްދުދެއްވީ ރާއްޖެ ޓީވީގައި އޮތް ލައިވް ޕްރޮގްރާމެއްގައެވެ. ސައިފްގެ ނަން ވިދާޅުނުވެ އާޒިމް ވިދާޅުވީ މާލެ ސިޓީ ކައުންސިލްގެ މިލްކުވެރިކަމުގައި ހުރި ބިންތަކެއް ކުއްޔަށް ދީފައިވީ ނަމަވެސް އެ މައުލޫމާތު ހާމަނުކުރާތާ 15 ވަރަކަށް އަހަރު ވެއްޖެ ކަމަށެވެ. އެކަމަކު އޭނާގެ މޭޔަރު ކަމުގައި އެ މައުލޫމާތު ހާމަކުރުމަށްޓަކައި ބިންތަކުގެ ތަފްސީލް އެކުލަވާލާފައިވާ ކަމަށާއި މިހާރު ކުރިއަށްދަނީ މައުލޫމާތުތައް އިތުރަށް ޔަގީންކުރުމުގެ މަރުހަލާ ކަމަށްވެސް ވިދާޅުވި އެވެ. އާންމުންނާ ހަމައަށް ލިސްޓެއް ދޫކޮށްލާއިރު އޭގައި ކުށް މައުލޫމާތު ހުންނަން ބޭނުން ނުވާ ކަމަށްވެސް ވިދާޅުވި އެވެ. "އެ ބޭފުޅާއަށް [ސައިފަށްވެސް] އެނގިވަޑައިގަންނަވާނެ [ލިސްޓް] ނިމިފައި އޮތްކަންވެސް. އެނގިވަޑައިގެން ހުރެ އެކަން އެ ކުރައްވަނީ،" ސައިފްގެ ތުހުމަތުތަކަށް ރައްދު ދެއްވަމުން އާޒިމް ވިދާޅުވި އެވެ. އާޒިމް އިތުރަށް ވިދާޅުވީ މާލޭގެ ބިންތައް ކުއްޔަށް ދީފައިވާނީ ކައުންސިލަރު ސައިފްގެ ވޯޓާވެސް އެކު ކަމަަށެވެ. އެކަމަކު އާޒިމަށް ރައްދުދެއްވަމުން ސައިފް ވިދާޅުވީ ނުއަގުގައި ކައުންސިލުން ބިންތައް ދޫކުރަން ވޯޓު ދީފައި ނުވާނެ ކަމަށެވެ. ސައިފްއާއި އާޒިމަކީ މާލޭގެ މޭޔަރު ހޮވުމަށް އެންމެ ފަހުން ބޭއްވި ބައި-އިލެކްޝަންގައި ވާދަކުރެއްވި ދެ ކެންޑިޑޭޓުންނެވެ. ސައިފް އެ އިންތިހާބުގައި ވާދަކުރެއްވީ އޭނާގެ ކުރީގެ ޕާޓީ -- ދަ ޑިމޮކްރެޓްސްގެ ފަރާތުންނެވެ. އާޒިމް ވާދަކުރެއްވީ އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓުގެ ގޮތުގައެވެ.

މައުޟޫޢުތަށް