ބަރާބަރަށް ކުލި ދައްކާނަމަ ސަބްސިޑީގެ 100 ޕަސެންޓް ލިބޭނެ: އެފްޑީސީ

އަވަސް

21 ޖުލައި 2025 | ހޯމަ | 8:00

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ 4،000 ހައުސިން ޔުނިޓަށް ކޮންމެ މަހެއްގެ 10ގެ ކުރިން ކުލި ދައްކާނަމަ 100 ޕަސަންޓް ސަބްސިޑީ މަންފާ ލިބޭނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ބުނެފި އެވެ.

އެފްޑީސީން ތަރައްގީކޮށްފައިވާ 4،000 ހައުސިން ޔުނިޓްގެ ތެރެއިން ދެ ކޮޓަރީގެ އެޕާޓްމަންޓަކަށް 9,000 ރުފިޔާ އަދި ތިން ކޮޓަރީގެ އެޕާޓްމަންޓަކަށް 13,000 ރުފިޔާގެ މަހު ކުއްޔެއް އެފްޑީސީ އިން ވަނީ ހަމަޖައްސާފަ އެވެ. އެކަމަކު ކޮންމެ މަހަކުވެސް 10ގެ ކުރިން ކުލި ދައްކާނަމަ އެ މަހެއްގެ ކުލީގެ ގޮތުގައި ދައްކަންޖެހޭނީ ދެ ކޮޓަރީގެ އެޕާޓްމަންޓަކަށް 7,000 ރުފިޔާ އަދި ތިން ކޮޓަރީގެ އެޕާޓްމަންޓަކަށް 9,000 ރުފިޔާ އެވެ. ކުލީގެ ބާކީ ބައި ނުވަތަ 100 ޕަސަންޓް ސަބްސިޑީ އެފްޑީސީއަށް ދައްކާނީ ސަރުކާރުންނެވެ.

ކުލި ދެއްކުމަށް ބާރު އެޅުމުގެ ގޮތުން އެފްޑީސީ އިން އެކުލަވާލާފައިވާ އުސޫލުގެ ދަށުން ކޮންމެ މަހެއްގެ 16ގެ ކުރީން ކުލި ދައްކައިފިނަމަ 75 އިންސައްތަ ސަބްސިޑީ މަންފާ ލިބޭނެ އެވެ. ކޮންމެ މަހެއްގެ 21ގެ ކުރީން ކުލި ދައްކައިފިނަމަ 50 އިންސައްތަ ސަބްސިޑީ މަންފާ ލިބޭނެ އެވެ. އަދި ކޮންމެ މަހެއްގެ 26ގެ ކުރިން ކުލި ދައްކައިފިނަމަ 25 އިންސައްތަ ސަބްސިޑީ މަންފާ ލިބޭނެ ކަމަށް ވެސް ބުންޏެވެ. އެފްޑީސީ އިން ބުނީ މަހުގެ 26 ވަނަ ދުވަހުގެ ފަހުން ކުލި ދައްކައިފިނަމަ ސަބްސިޑީ މަންފާ ނުލިބޭނެ ކަމަށެވެ. ހައުސިން ޔުނިޓްތަކަށް ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި ދައްކަން ޖެހެނީ ދެ ކޮޓަރިއަށް 15,000 އަދި ތިން ކޮޓަރިއަށް 25,000 ރުފިޔާ އެވެ. މެއިންޓެނަންސް ފީގެ ގޮތުގައި ދެ ކޮޓަރިއަށް ކޮންމެ މަހަކު 1,000 އަދި ތިން ކޮޓަރިއަށް ކޮންމެ މަހަކު 1,500 އެވެ.

މައުޟޫޢުތަށް