މަނަދޫގެ ނަރުދަމާގެ މައްސަލަ ހައްލުކުރުމުގެ މަޝްރޫއު އޯގަސްޓުގައި ފަށަނީ
އަވަސް
22 ޖުލައި 2025 | އަންގާރަ | 9:52
ނ. މަނަދޫގެ ނަރުދަމާގެ މައްސަލަ ހައްލުކުރުމުގެ މަޝްރޫއު އަންނަ އޯގަސްޓު މަހު ފެށޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މަނަދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް މުއިއްޒު ރޭ ވިދާޅުވީ ހައްލެއް ނުލިބި ދިގުލައިގެން ގޮސްފައިވާ މަނަދޫގެ ނަރުދަމާގެ މައްސަލައަށް ދާއިމީ ހައްލެއް ގެނެވެން އޮތީ މުޅި ނިޒާމު އެއްކޮށް ބަދަލުކޮށްގެން ކަމަށެވެ. މި މަޝްރޫއު ކުރިއަށް ގެންދާނީ މަގު ހެދުމުގެ މަޝްރޫއާއެކު ކަމަށާއި 2027 ވަނަ އަހަރަށް ދެ މަޝްރޫއުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް ލަފާކުރައްވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ. ރިޔާސީ ވައުދާ އެއްގޮތަށް އިސްލާމިކް ޔުނިވާސިޓީގެ ކެމްޕަހެއް މަނަދޫގައި ގާއިމުކުރުމުގެ އިދާރީ މަސައްކަތްތައް ފަށާފައިވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ. މީގެ އިތުރުން ބަލިތަކުގެ ހާއްސަ ޕްރޮފެޝަނަލުން މަނަދޫއަސް ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ. އަދި މަނަދޫ އާއި އުނގޫފާރާ ދެމެދު އާރްޓީއެލް ފެރީގެ ހިދުމަތް މި އަހަރުގެ ނޮވެމްބަރު މަހު ފެށޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.