25 އަހަރު ކުރިން ނިންމި މައްސަލައެއް ހައިކޯޓަށް

އަވަސް

22 ޖުލައި 2025 | އަންގާރަ | 2:53

މީގެ 25 އަހަރު ކުރިން އައްޑު އަތޮޅު ހިތަދޫ ކޯޓުން ނިންމި މައްސަލައެއް ހައިކޯޓުގައި އިސްތިއުނާފު ކުރުމުގެ ހުއްދަ ދީފި އެވެ.

ހައިކޯޓުން ބުނި ގޮތުގައި މީގެ 25 އަހަރު ކުރިން ނިންމި މައްސަލައެއް ހައިކޯޓުގައި އިސްތިއުނާފު ކުރުމުގެ ހުއްދަ ދިނީ، އިސްތިއުނާފު ކުރުމަށް އޮންނަ މުއްދަތުގައި އެ މައްސަލަ ހުށަހެޅިފައި ނުވަނީ މައްސަލަ ހުށަހެޅި ފަރާތަކީ ބުއްދީގެ ނުކުޅެދުންތެރިކަން ހުންނަ މީހެއް ކަމަށްވެފައި، އެ ހާލަތު އަދިވެސް އެހެން އޮތުމުގެ ފުރުސަތު އޮތުމުންނެވެ. ދެހާސްވަނަ އަހަރު، އައްޑު އަތޮޅު ހިތަދޫ ކޯޓުން މި މައްސަލަ ނިންމާފައިވަނީ މައްސަލަ ރައްދުވާ ފަރާތުގެ ޣައިރު ހާޒިރުގައިކަން، ހައިކޯޓަށް މި މައްސަލަ ހުށަހަޅަން ހުއްދަ ދިން ރިޕޯޓުން އެނގެ އެވެ. ފަންސަވީސް އަހަރު ކުރިން ނިންމާފައިވާ މި މައްސަލައަކީ ކޮން ބާވަތެއްގެ މައްސަލައެއް ކަމެއް ނޭނގެ އެވެ. ވަކިވަކި މައްސަލަތަކާ ގުޅޭ މައުލޫމާތު ކޯޓުން ހާމަނުކުރާތީ މައްސަލައިގެ ތަފްސީލެއް ނުލިބެ އެވެ. އެކަމަކު ހައިކޯޓުގެ ވެބްސައިޓުގައި ހުރި މައުލޫމާތުތަކަށް ބަލާއިރު މިއީ އަންހެނަކާއި ފިރިހެނަކާ ދެމެދު އޮތް މަދަނީ މައްސަލަ އެކެވެ. މީގެ 25 އަހަރު ކުރިން ނިންމާފައިވާ މި މައްސަލަ އިސްތިއުނާފު ކުރަން ހުއްދަ ދީފައި މިވަނީ ހައިކޯޓުގައި ހުއްދައިގެ މައްސަލަ ނިންމި ބެންޗުގެ އިއްތިފާގުންނެވެ. އެއީ، ފަނޑިޔާރު ހުސައިން މަޒީދު، ހުޒައިފާ މުހައްމަދު އަދި ދީބާނާޒް ފަހްމީއެވެ.

މައުޟޫޢުތަށް