ޔާމީން ވަނީ ބްރިޖުން މޫދަށް ފުންމާލާފައި: ފުލުހުން

އަވަސް

22 ޖުލައި 2025 | އަންގާރަ | 7:01

މާލެއިން ގެއްލިގެން ހޯދަމުންދާ ގ. ގާނެޓް، ހަސަން ޔާމީން (30އ) ސިނަމާލެ ބްރިޖުން މޫދަށް ފުންމާލާ މަންޒަރު ސީސީޓީވީ ފުޓޭޖުން ފެނިފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ޔާމީން ގެއްލިގެން އާއިލާއިން ފުލުހުންނަށް ރިޕޯޓްކުރީ މިމަހުގެ 14 ވަނަ ދުވަހު އެވެ. އާއިލާ އިން އެކަން ފުލުހުންނަށް ރިޕޯޓްކުރީ މި މަހުގެ 11 ވަނަ ދުވަހުގެ ރޭ 9:25 ހާއިރު މާލޭގައި އޭނާ ދިރިއުޅޭ ގެއިން ނިކުމެގެން ދިޔަ ފަހުން ހަބަރެއް ނުވެގެންނެވެ. ފުލުހުން މިއަދު ބުނީ ޔާމީން ހޯދުމަށް ތަހުގީގުގެ ތެރެއިން ގިނަ އަދަދެއްގެ ސީސީޓީވީ ފުޓޭޖް ދިރާސާކޮށްފައިވާ ކަމަށެވެ. މި ގޮތުން މިމަހުގެ 13 ވަނަ ދުވަހުގެ ފަތިހު 3:24 ހާއިރު ޔާމީން ސިނަމާލެ ބްރިޖުން މޫދަށް ފުންމާލާ މަންޒަރު ސީސީޓީވީ ފުޓޭޖުން ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން އިތުރަށް ބުނީ އެ މައުލޫމާތު އާއިލާއާ ހިއްސާކޮށް އާއިލާއާ ވަރަށް ގާތުން ތަހުގީގު ޓީމުން މަސައްކަތް ކުރަމުންދާ ކަމަށެވެ. މި މައްސަލައިގައި ތަހުގީގަށް ލިބުނު މައުލޫމާތާ ގުޅިގެން މެރިން ޕޮލިހާއި އެމްއެންޑީއެފް ކޯސްޓްގާޑް ގުޅިގެން ހަސަން ޔާމީން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ. މީގެ އިތުރުން ފުލުހުން ވަނީ މި މައްސަލައާ ގުޅޭގޮތުން ސައްހަ ނޫން މައުލޫމާތު ނުފެތުރުމަށް އެދިފަ އެވެ. އަދި އާއިލާއަށް އިހުތިރާމްކުރުމުގެ ގޮތުންނާއި ތަހުގީގުގެ ނަޒާހާތްތެރިކަން ހިފެހެއްޓުމަށް، ފުލުހުން ދޭ މައުލޫމާތަށް އެކަނި ބަރޯސާވުމަށްވެސް ވަނީ އެދިފަ އެވެ.

މައުޟޫޢުތަށް