ކައުންސިލް އިންތިހާބަށް ނަޝީދާއި ފައްޔާޒު ކެމްޕޭނެއް ފަށައިފި
އަވަސް
23 ޖުލައި 2025 | ބުދަ | 11:22
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބުކުރުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް އިސްވެ ހާއްސަ ކެމްޕޭން ހަރަކާތްތަކެއް ފަށައިފި އެވެ.
މި ކެމްޕޭންތައް ފެށުމަށް ރޭ އޯޓީޕީ ރެސްޓޯރަންޓްގައި ބޭއްވި ބައްދަލުވުމުގައި ރައީސް ނަޝީދުގެ އިތުރުން ފައްޔާޒު ވަނީ ވާހަކަ ދައްކަވާފަ އެވެ. އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފު އެކްސްގައި ވިދާޅުވީ، ރައީސް ނަޝީދު ވިދާޅުވާ ފަދައިން އެހެން ސިޔާސީ ޕާޓީތަކާ ހިލާފަށް އެމްޑީޕީން އިންތިހާބު ކާމިޔާބު ކުރާނީ ރައްޔިތުންނަށް ފައިދާ ކުރާނެ ސިޔާސަތުތަކާއި އަޑާއި ކުލަ އާއި ޖޯޝުން ފުރިފައިވާ އަދި ހިސާބު ޖަހާފައިވާ ކެމްޕެއިންތަކަކުން ކަމަށެވެ. "އަޅުގަނޑަށް ފެނުނީ ޗެއާޕާސަން ފައްޔާޒު ހުންގާނުގައި ހުންނަވައިގެން އެމަސައްކަތް ވަރަށް ރަނގަޅަށް ފައްޓަވާފައިވާ މަންޒަރު. އިރާދަކުރެއްވިއްޔާ ލޯކަލް ކައުންސިލް އިންތިހާބު ރީތިކޮށް ކާމިޔާބު ކުރެވޭނެ،" އެކްސްގައި ކުރެއްވި ޕޯސްޓްގައި ހަސަން ލަތީފު ވިދާޅުވި އެވެ. މިދިޔަ ރިޔާސީ އިންތިހާބުގައި އެމްޑީޕީން ބޭއްވި ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި ބޮޑު ނާކާމިޔާބީއަށްފަހު ނަޝީދާއި ނަޝީދަށް ތާއީދުކުރައްވާ މެންބަރުން އެމްޑީޕީން ވަކިވެ ޑިމޮކްރެޓްސްގެ ނަމުގައި ޕާޓީއެއް އުފެއްދި އެވެ. ނަމަވެސް ނަޝީދާއި އެމަނިކުފާނަށް ތާއީދުކުރައްވާ ބޭފުޅުން އަލުން ވަނީ އެމްޑީޕީއާ ގުޅިފަ އެވެ.