މިނިވަން ދުވަހުގެ އުފަލުގައި ބައިވެރިވުމަކީ ލިބޭ ފަހުރެއް: މޯދީ

އަވަސް

23 ޖުލައި 2025 | ބުދަ | 4:08

ރާއްޖޭގެ މިނިވަން ދުވަހުގެ އުފަލުގައި ބައިވެރިވެ ވަޑައިގަތުމަކީ ލިބޭ ފަހުރެއް ކަމުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ މިނިވަން ދުވަސް ފާހަގަކުރުމަށް ރާއްޖެއަށް ކުރައްވާ ދަތުރުފުޅާ ގުޅޭ ގޮތުން މޯދީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހުކުރު ދުވަހު ރާއްޖެއަށް ކުރައްވާ ދަތުރުފުޅަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށާއި ރާއްޖޭގެ މިނިވަން ކަމަށް 60 އަހަރު ފުރޭ މުނާސަބަތުގައި ބައިވެރިވުމަކީ ލިބޭ ވަރަށް ބޮޑު ފަހުރެއް ކަމަށެވެ. މި ދަތުރުފުޅުގައި ރައީސް މުއިއްޒާއެކު ކުރައްވާ މަޝްވަރާތަކުން އެކި ދާއިރާތަކުން ދެ ގައުމުގެ ގުޅުން ބަދަހިވެގެންދާނެ ކަމަށްވެސް މޯދީ ވިދާޅުވި އެވެ. ރައީސް އޮފީހުން ބުނި ގޮތުގައި މޯދީ ރާއްޖެ ވަޑައިގަންނަވަނީ ދެ ދުވަހުގެ ދަތުރުފުޅެއްގައި މި މަހުގެ 25-26 އަށެވެ. މިދަތުރުފުޅުގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި މޯދީ ބައްދަލުކުރައްވާމަތީ ފެންވަރުގެ މަޝްވަރާތަކެއްވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ. މޯދީގެ މިދަތުރުފުޅުގައި އިންޑިއާގެ އެހީތެރިކަމާ އެކު ރާއްޖޭގައި ކުރިއަށް ގެންގޮސްފައިވާ ބައެއް މަޝްރޫއުތައް އިފްތިތާހް ކުރުމާއި އަދި ދެ ގައުމުގެ ދެމެދުގައި ބައެއް މުހިއްމު އެއްބަސްވުންތަކުގައި ސޮއި ކުރާނެ ކަމަށްވެސް ރައީސް އޮފީހުން މައުލޫމާތު ދީފައިވެ އެވެ.

މައުޟޫޢުތަށް