ގައުމީ ލޯބީގެ ކުރިމަތީގައި ސިޔާސީ އޮއިވަރުގެ މާނައެއްނެތް: ރައީސް
އަވަސް
24 ޖުލައި 2025 | ބުރާސްފަތި | 7:23
ގައުމީ ލޯބީގެ ކުރިމަތީގައި ސިޔާސީ އޮއިވަރަކީ އެއްވެސް މާނައެއް އޮތް އެއްޗެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ނ. ވެލިދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް މުއިއްޒު ރޭ ވިދާޅުވީ ތަރައްގީއަށް ކުރާ މަސައްކަތްތައް ފުރިހަމަ ގޮތުގައި ކުރިއަށް ގެންދިއުމަށް ރައްޔިތުން އިންތިހާބުކޮށްފައިވާ ބޭފުޅުންގެ އެއްބާރުލުން މުހިންމު ކަމަށެވެ. ރައީސް ވަނީ އިންތިހާބީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ނިސްބަތްވެވެޑައިގަންނަވާ ސިޔާސީ ޕާޓީއަކީ ރައްޔިތުންނަށް ހިދުމަތްކުރުމަށް އޮތް ހުރަހަކަށް ވެގެން ނުވާނޭ ކަމަށް ވިދާޅުވެފަ އެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ކައުންސިލަރުންގެ ފުރިހަމަ އެއްބާރުލުމާއެކު އެފަދަ މަސައްކަތްތައް މާ ފުރިހަމައަށް ކުރިއަށް ގެންދެވޭނޭ ކަމަށާއި ހިޔާލުތަފާތުވިޔަސް އެއްބާރުލުން ދެއްވުމަށް އިންތިހާބީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށް ރައީސް އިލްތިމާސްކުރެއްވި އެވެ. ރައީސް ވިދާޅުވީ އަމިއްލަ ކަންކަމަށްވުރެ ގައުމު އިސްކުރާ ބަޔަކަށް ވާންޖެހޭ ކަމަށާއި ދަރީންނަށް ދިވެހި ގައުމު ރައްކާތެރިކަމާއެކު ފޯރުކޮށްދެވެން އޮތީ އަމިއްލަ ނަފުސަށްވުރެ ގައުމު އިސްކޮށް ގައުމީ ލޯތްބާއި އިހުސާސް އަށަގެންނެވުނު މިންވަރަކުން ކަމަށެވެ. ރައީސް މިހެން ވިދާޅުވިއިރު ނ. އަތޮޅުގެ ރަށްތަކަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިއްޔެ ނ. ފޮއްދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް ވަނީ ރައްޔިތުންގެ މަޖިލީހުގައި ނ. ފޮއްދޫ ހިމެނޭ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސްގެ ފަރާތުން އެއްބާރުލުން ނުލިބޭ ކަމަށް ވިދާޅުވެފަ އެވެ. ރައީސް އެހެން ވިދާޅުވުމުން އެކަމަށް ރައްދު ދެއްވާ އައްބާސް ވަނީ ހުރަސް އެޅުމަކީ ކޮބާތޯ ސުވާލު އުފައްދަވާފަ އެވެ.