ޕޯސްޓްމޯޓަމް ހެދުމަށްފަހު އަބްދުއްރަހްމާންގެ ހަށިގަނޑު ގެނެސްފި
އަވަސް
24 ޖުލައި 2025 | ބުރާސްފަތި | 7:47
އއ. މާޅޮހުގައި ބަޔަކު އަނިޔާކުރުމާ ގުޅިގެން މަރުވި އަބްދުއްރަހްމާން އާދަމްގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށްފަހު މާލެ ގެނެސްފި އެވެ.
އަބްދުއްރަހްމާންގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް ފޮނުވީ މިމަހުގެ 21 ވަނަ ދުވަހު އެވެ. ފުލުހުން ބުނީ އަބްދުއްރަޙްމާން އާދަމްގެ ހަށިގަނޑު ޕޯސްޓުމޯޓަމް ހެދުމަށްފަހު އަނބުރާ މާލެ ގެނެސް ރޭ 7:50 ހާއިރު މޯޗަރީއަށް ލާފައިވާ ކަމަށެވެ. އަބްދުއްރަހްމާންގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް ނިންމީ މަރުގެ ސީދާ ސަބަބު ދެނެގަތުމަށާއި ތަހުގީގަށް ބޭނުންވާ ހެކި ހޯދުމަށް ފުލުހުން ބުންޏެވެ. ނަމަވެސް އާއިލާ އިން ޕޯސްޓްމޯޓަމް ހަދަން އެއްބަސް ނުވާ ކަމަށް އެނގިފައިވެ އެވެ. އުމުރުން 65 އަހަރުގެ އަބްދުއްރަހްމާން މަރުވީ އޭނާ ނިދާފައި އޮއްވާ ބޮޑެތި ޒަހަމްތަކެއް ދިނުމުގެ ސަބަބުން ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ. އަބްދުއްރަހްމާން މަރަށް ތެޅެމުން ދަނިކޮށް ފެނުނީ އޭނާގެ އަންހެނުން ނާޒިމާ އިބްރާހީމް އަށެވެ.