އަބްދުއްރަޙްމާންގެ ޖަނާޒާ މިއަދު

އަވަސް

24 ޖުލައި 2025 | ބުރާސްފަތި | 9:10

އއ. މާޅޮހުގައި ބަޔަކު އަނިޔާކުރުމާ ގުޅިގެން މަރުވި އަބްދުއްރަހްމާން އާދަމްގެ ޖަނާޒާ މިއަދު ބޭއްވުމަށް ނިންމައިފި އެވެ.

އަބްދުއްރަހްމާންގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދު މެންދުރު ނަމާދަށްފަހު އާސަހަރާ މިސްކިތުގަ އެވެ. އޭނާ މަރުވީ މިމަހުގެ 13 ވަނަ ދުވަހު އެވެ. އަބްދުއްރަހްމާންގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް މިމަހުގެ 21 ވަނަ ދުވަހު އިންޑިއާއަށް ފޮނުވި އެވެ. ޕޯސްޓްމޯޓަމަށްފަހު ހަށިގަނޑު މާލެ ގެނެސް ރޭ 7:50 ހާއިރު މޯޗަރީއަށްލާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަބްދުއްރަހްމާންގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް ނިންމީ މަރުގެ ސީދާ ސަބަބު ދެނެގަތުމަށާއި ތަހުގީގަށް ބޭނުންވާ ހެކި ހޯދުމަށް ކަމަށްވެސް ފުލުހުން ބުންޏެވެ. ނަމަވެސް އާއިލާ އިން ޕޯސްޓްމޯޓަމް ހަދަން އެއްބަސް ނުވާ ކަމަށް އެނގިފައިވެ އެވެ. އުމުރުން 65 އަހަރުގެ އަބްދުއްރަހްމާން މަރުވީ އޭނާ ނިދާފައި އޮއްވާ ބޮޑެތި ޒަހަމްތަކެއް ދިނުމުގެ ސަބަބުން ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ. އަބްދުއްރަހްމާން މަރަށް ތެޅެމުން ދަނިކޮށް ފެނުނީ އޭނާގެ އަންހެނުން ނާޒިމާ އިބްރާހީމް އަށެވެ.

މައުޟޫޢުތަށް