ނ. އަތޮޅު ދަތުރުފުޅަށްފަހު ރައީސް މާލެ ވަޑައިގެންފި
އަވަސް
24 ޖުލައި 2025 | ބުރާސްފަތި | 11:00
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ނ. އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށްރަށަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު މާލެ ވަޑައިގެންފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، ނ. އަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށަށް ޒިޔާރަތްކުރައްވައި، އެ ރަށްރަށުގެ ރައްޔިތުންނާއި، ކައުންސިލްތަކާއި އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައި، ރަށްރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާއި، ރައްޔިތުން އެންމެ އެދޭ ކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވި އެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، އެކި ރަށްރަށުގައި ތަރައްގީއަށް ސަރުކާރުން ކުރިއަށް ގެންދަވާ މަޝްރޫއުތައް ފައްޓަވައިދެއްވި އެވެ. އެގޮތުން ބައެއް ރަށްރަށުގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް ފެއްޓެވުމާއި ޕޮލިސް ޕޯސްޓް ގާއިމު ކުރުމުގެ މަސައްކަތާއި ބިން ހިއްކުމުގެ މަސައްކަތް ފައްޓަވައިދެއްވި އެވެ. މީގެ އިތުރުންވެސް ރަށްރަށުގެ ސްކޫލްތަކާއި ސިއްހީ ހިދުމަތް ދޭ މަރުކަޒުތަކުގެ ކުރިއެރުމަށް ސަރުކާރުން ރާވައިގެން ކުރަން އެކަށައަޅާފައިވާ ބައެއް މަސައްކަތްތައް ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ފައްޓަވައިދެއްވި އެވެ. ރައީސުލްޖުމްހޫރިއްޔާ، ނ. އަތޮޅުގެ ހުރިހާ ރަށަކަށް ކުރެއްވި މި ދަތުރުފުޅަކީ ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތް ކުރެއްވުމަށާއި، އަތޮޅުތަކާ، ރަށްތަކާ އަދި ސިޓީތަކުގެ ލޯކަލް ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިއަށް ގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން ކުރެއްވި ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.