4000 ހައުސިން ޔުނިޓް ދިވެހި ސަރުކާރާ ރަސްމީކޮށް ހަވާލުކޮށްފި
އަވަސް
25 ޖުލައި 2025 | ހުކުރު | 6:03
ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ކުރިއަށް ގެންދިޔަ "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން އިމާރާތް ކުރި 4،000 ފްލެޓްގެ މަސައްކަތް ނިންމާ ދިވެހި ސަރުކާރާ ރަސްމީކޮށް ހަވާލުކޮށްފި އެވެ.
މި މަޝްރޫއު ނިންމުމަށްފަހު ދިވެހި ސަރުކާރާ ރަސްމީކޮށް ރަމްޒީ ތަޅުދަނޑި ހަވާލު ކުރީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް މިއަދު ފެއްޓެވި ދެ ދުވަހުގެ ދަތުރުފުޅުގައި، މިއަދު ރައީސް އޮފީހުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުއާ އެކު ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިންނެވެ. ރައީސް ސޯލިހްގެ ސަރުކާރުން 4،000 ފްލެޓް ލިބޭ މީހުން ކަނޑައަޅާފައި އޮއްވާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ އެ ލިސްޓް މުރާޖައާކޮށް މިދިޔަ އޭޕްރީލް މަހު އާ ލިސްޓެއް ނެރެފަ އެވެ. ނަމަވެސް އާ ލިސްޓަށްވެސް ގިނަ ޝަކުވާތަކެއް ހުށަހަޅާފައި ވަނިކޮށް މިސަރުކާރުން މިހާރު ވަނީ ރައީސް ސޯލިހްގެ ސަރުކާރުން އެކުލަވާލި ލިސްޓްގައި ހިމެނޭ ޝަރުތު ހަމަވާ މީހުންނަށް ފްލެޓް ދޭން ނިންމާފަ އެވެ.
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ގެދޮރުވެރިޔާ ސިޔާސަތުގެ ދަށުން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އާ ހަވާލުކޮށްގެން ހުޅުމާލޭގައި ހަދަމުންދާ 4،000 އެޕާޓްމަންޓްގެ ތެރޭގައި ހިމެނެނީ ދެ ކޮޓަރީގެ އެޕާޓްމަންޓްތަކުގެ ގޮތުގައި 650 އަކަފޫޓުގެ 1،200 އެޕާޓްމަންޓާއި ތިން ކޮޓަރީގެ އެޕާޓްމަންޓްތަކުގެ ގޮތުގައި 900 އަކަފޫޓްގެ 2،800 އެޕާޓްމަންޓެވެ.