އިންޑިއާ-ރާއްޖޭގެ އެކުވެރިކަމަށް ނަޝީދު ވަރުގަދައަށް ވަކާލާތުކުރައްވާ: މޯދީ

އަވަސް

26 ޖުލައި 2025 | ހޮނިހިރު | 12:54

ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ އަބަދުވެސް އިންޑިއާ އާއި ދިވެހިރާއްޖޭގެ އެކުވެރިކަމަށް ވަރުގަދައަށް ވަކާލާތު ކުރައްވާ ބޭފުޅެއް ކަމުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެ އެވެ.

ރާއްޖެއަށް މޯދީ މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި މިއަދު ވަނީ ރައީސް ނަޝީދާ ބައްދަލުކުރައްވާފަ އެވެ. މިބައްދަލުކުރެއްވުމަށްފަހު މޯދީ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ނަޝީދާ މިއަދު ބައްދަލުކުރެއްވި ކަމަށާއި ނަޝީދަކީ އަބަދުވެސް އިންޑިއާ އާއި ރާއްޖޭގެ އެކުވެރިކަމަށް ވަރުގަދައަށް ވަކާލާތު ކުރައްވާ ބޭފުޅެއް ކަމަށެވެ. "ނެއިބަހުޑް ފަސްޓް ސިޔާސަތާއި މަހާސާގަރުގެ ތަސައްވުރުގެ އަގުހުރި ތަނބެއްގެ ގޮތުގައި އަބަދުވެސް ދިވެހިރާއްޖެ އޮންނަ އޮތުމާ ބެހޭގޮތުން ވާހަކަ ދެކެވުނު. އިންޑިއާއިން ދިވެހިރާއްޖެއަށް ކެޕޭސިޓީ ބިލްޑިން އާއި ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ދާއިރާ މެދުވެރިކޮށް އެއްބާރުލުން ފޯރުކޮށްދެމުން ގެންދާނެ،" ނަޝީދާ އެކު ބޭއްވެވި ބައްދަލުކުރެއްވުމަށްފަހު މޯދީ ދިވެހި ބަހުން ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައިވެ އެވެ.

މިބައްދަލުކުރެއްވުމަށްފަހު ރައީސް ނަޝީދުވެސް ވަނީ ސޯޝަލްމީޑިއާގައި ޕޯސްޓެއް ކުރައްވާފަ އެވެ. ރައީސް ނަޝީދު ވިދާޅުވީ މޯދީ ބައްދަލުވެވަޑައިގަންނަވާ ކޮންމެ ވަގުތަކީވެސް ލިބިވަޑައިގަންނަވާ ޝަރަފެއް ކަމަށެވެ. ދިވެހި ޒުވާނުންގެ ކުރިއެރުމަށާއި ފިލްމީ ދާއިރާއަށް ބޭނުންވާ އެހީތެރިކަން ހޯދުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި ކަމަށް ވިދާޅުވި އެވެ. އަދި ތިމާވެށީގެ މައްސަލަތަކުގައިވެސް ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށް ނަޝީދު ވިދާޅުވި އެވެ. ރައީސް ނަޝީދަކީ އަބަދުވެސް އިންޑިއާގެ މަސްލަހަތުގައި ވާހަކަދައްކަވާ ބޭފުޅެއްކަން ފާހަގަކުރެވެ އެވެ.

މައުޟޫޢުތަށް