މޯދީ ރާއްޖެއިން ފުރާވަޑައިގެންފި
އަވަސް
26 ޖުލައި 2025 | ހޮނިހިރު | 6:00
އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ފުރާވަޑައިގެންފި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މޯދީއަށް އަލްވަދާއު ވިދާޅުވީ ބައެއް ވަޒީރުންނެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށް މޯދީ ރާއްޖެ ވަޑައިގެންނެވީ އިއްޔެ ހެނދުނު އެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ބޮޑުވަޒީރު މޯދީއަށް މަރުހަބާ ދެންނެވީ ރައީސް މުއިއްޒުއެވެ. އަދި، އެއަށްފަހު ބޮޑުވަޒީރު މޯދީއަށް ދިވެހި ސަރުކާރުން ރަސްމީ ގޮތުން މަރުހަބާ ދެންނެވި އެވެެ. ދިވެހި ސަރުކާރުން ބުނާ ގޮތުގައި ބޮޑުވަޒީރު މޯދީގެ މި ދަތުރުފުޅަކީ ދެ ގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމުގެ މައްޗަށް ހާއްސަވެގެންދިޔަ ދަތުރުފުޅެކެވެ. މޯދީގެ މި ދަތުރުފުޅުގައި ދެ ގައުމުގެ މެދުގައި އެކި ދާއިރާތަކުން އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ރަސްމީ ވާހަކަތައް ކުރިއަށް ގެންދިޔަ އެވެ. އަދި ފަަހުމުނާމާތަކާއި އެއްބަސްވުންތަކުގައި ސޮއިކުރުމުގެ އިތުރަށް ދެ ގައުމުގެ ގުޅިފައިވާ ބަޔާނެއްވެސް ނެރުނެވެ.
މިދަތުރުފުޅުގެ ތެރެއިން ތަރައްގީގެ ބައެއް މަޝްރޫއުތައް ފެށުމާއި، ދެ ގައުމުގެ ގުޅުން ރަމްޒީގޮތުން ފާހަގަކުރުމުގެ ގޮތުން، ސަލްޓަންޕާކުގައި ބޭއްވި ގަސް އިންދުމުގެ ޕްރޮގްރާމެއް ހިމެނެ އެވެ. މީގެ އިތުރުން ބޮޑުވަޒީރު މޯދީ ވަނީ އިންޑިއާއިން ދިވެހިރާއްޖެއަށް ހަދިޔާ ކުރި ދެ "އަރޯގްޔާ މައިތިރީ ހެލްތު ކިއުބް" ރައީސުލްޖުމްހޫރިއްޔާއާއި ހަވާލުކުރައްވާފަ އެވެ. މޯދީގެ މިދަތުރުފުޅުގައި އެމްއެންޑީއެފްގެ އާ އިމާރާތް -- ދޮށިމޭނާ ބިލްޑިންގް ހުޅުއްވައިދެއްވި އެވެ. އަދި މޯދީގެ ޝަރަފުގައި ރައީސް މުއިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވަނީ ފުރަމާނަ ޖާފަތެއް ދެއްވާފަ އެވެ. މޯދީ ވަނީ ދިވެހިރާއްޖޭގެ މިނިވަން ކަމަށް 60 އަހަރު ފުރޭ މިނިވަން ދުވަހުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން މިއަދު ބޭއްވި ސިފައިންގެ އަސްކަރީ ހަރަކާތްތައް ހިމެނޭ ޕެރޭޑްވެސް ބައްލަވާލައްވާފަ އެވެ. މޯދީގެ މި ދަތުރުފުޅަކީ އެމަނިކުފާނު ތިންވަނަ ދައުރަކަށް މަގާމާ ހަވާލުވެވަޑައިގެންނެވުމަށްފަހު ރާއްޖެއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ. ބޮޑު ވަޒީރު މޯދީގެ މިދަތުރުފުޅަކީ ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހާއި، ދެ ގައުމުގެ މެދުގައި ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބާ ފާހަގަކުރެވިގެންދިޔަ ތާރީހީ ދަތުރުފުޅަކަށްވެސް ވަނީ ވެފަ އެވެ.