މުއުތަސިމާއި ގާސިމަށް ސޯބިރަށް ނިޝާން އިއްޒުއްދީނުގެ އިއްޒަތް
އަވަސް
27 ޖުލައި 2025 | އާދިއްތަ | 10:35
ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަމުގެ ލަގަބް (ނ.އ.އ.ވ) ލަގަބު ތިން ބޭފުޅަކަށް މިއަދު އަރުވައިފި އެވެ.
ލަގަބު ލިބިވަޑައިގެންނެވި ތިން ބޭފުޅުންނަކީ ކުރީގެ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނާއި، ރައްޔިތުންގެ މަޖިލީހާއި ހާއްސަ މަޖިލީހުގެ ކުރީގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި ކުރީގެ ޓޫރިޒަމް މިނިސްޓަރު ހަސަން ސާބިރެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު، މި ތިން ބޭފުޅުންނަށް އިއްޒަތް އެރުވީ މިނިވަން ދުވަހާ ގުޅިގެން ސޯޝަލް ސެންޓަރުގައި މިހާރު ކުރިއަށްދާ މިނިވަން ދުވަހުގެ ހާއްސަ ޖަލްސާ ގައެވެ. ލަގަބު ލިބިވަޑައިގެން ބޭފުޅުންގެ ތެރެއިން މުއުތަސިމް އެންމެ ގިނަ ދުވަހު ހިދުމަތް ކުރެއްވީ ޝަރުއީ ދާއިރާގައެވެ. ގާސިމް އިބްރާހީމް ވަނީ ރައްޔިތުންގެ ހާއްސަ މަޖިލީހާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމާއި ފިނޭންސް މިނިސްޓަރުކަމާއި ހޯމް މިނިސްޓަރު ކަމާއި އެމްއެމްއޭގެ ގަވަރުނަރުކަން ކުރައްވާފަ އެވެ. އަދި އަމިއްލަ ޚަރަދުގައި ތައުލީމީ ދާއިރާއާއި އިގްތިސާދީ ދާއިރާއަށް އަދި އިޖުތިމާއީ ދާއިރާއަށް ބޮޑެތި ހޭދަތައް ކުރައްވާފައިވެ އެވެ. ސާބިރު ވަނީ ޓޫރިޒަމް މިނިސްޓަރުކަން ކުރައްވަވާ އެ ދާއިރާއަށް މުހިއްމު ބަދަލުތަކެއް ގެނެސް ދެއްވާފަ އެވެ.
ހަސަން ސާބިރު ފާހަގަވެގެންދަނީ ދިވެހި ގައުމުގެ އިގްތިސާދާ ބެހޭ ހުރިހާ ދާއިރާއެއްގައި ދިގު މުއްދަތެއް ވަންދެން ހިދުމަތް ކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ. އެ ދާއިރާތަކުގެ ތެރޭގައި ފަތުރުވެރިކަމާއި، މަސްވެރިކަމާއި، ދަނޑުވެރިކަން ހިމެނެ އެވެ. އަދި ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތައް ރޭއްވެވުމާއި ހިންގެވުމުގައްޔާއި، ހާރިޖީ ދާއިރާގައި އޭނާ ކުރައްވާފައިވާ ހިދުމަތްތަކާއި، މިހާރުވެސް އެ ދާއިރާގައި ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކޮށްލަން ޖެހެ އެވެ. ސާބިރު، ދިވެހި ދައުލަތަށް ހިދުމަތް ކުރައްވަން ފެއްޓެވީ ފެބުރުއަރީ 7، 1973 ގައެވެ. އެމަނިކުފާނުގެ މަސައްކަތްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ ނެޝަނަލް ޕްލޭނިން އޭޖެންސީގައި ކުރެއްވި މަސައްކަތެވެ. ނެޝަނަލް ޕްލޭނިން އޭޖެންސީ އުވާލައްވައި، ނޮވެންބަރު 10، 1982 ގައި މިނިސްޓްރީ އޮފް ޕްލޭނިން އެންޑް ޑިވެލޮޕްމަންޓް އުފެއްދެވުމާ ގުޅިގެން، އެ މިނިސްޓްރީގެ ތަފާތު މަގާމުތައްވެސް ސާބިރު ފުރުއްވި އެވެ. ނޮވެމްބަރު 11، 1993 ގައި، ރައީސް މައުމޫން އަބްދުލްގައްޔޫމް، ރިޔާސީ ހަތަރުވަނަ ދައުރަކަށް ހުވާކުރެއްވުމަށްފަހު އެކުލަވާލެއްވި ކެބިނެޓުގައި، މިނިސްޓާ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗާގެ މަގާމަށް އައްޔަން ކުރެއްވީ ހަސަން ސާބިރެވެ. ދިވެހިރާއްޖޭގެ މަސްވެރިކަމާއި، ދަނޑުވެރިކަން ކުރިއެރުވުމަށްޓަކައި އޭނާ ކޮށްދެއްވި މަސައްކަތްތައް ފާހަގަކޮށްލަން ޖެހެ އެވެ. ރައީސް މައުމޫންގެ ރިޔާސީ ފަސްވަނަ ދައުރުގެ ކެބިނެޓުގައިވެސް ހަސަން ސާބިރު ހިމަނުއްވައި، ޓޫރިޒަމް މިނިސްޓަރަކަށް އައްޔަން ކުރެއްވި އެވެ. ސާބިރުގެ ހިދުމަތް، އޭގެފަހުން ފެނިގެން ދިޔައީ ރާއްޖޭގެ ހާރިޖީ ދާއިރާއިންނެވެ. އެގޮތުން އޭނާ އަދާކުރެއްވި ބައެއް މަގާމުތަކުގެ ތެރޭގައި އިނގިރޭސިވިލާތުގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމުގެ މަގާމާއި، ސިންގަޕޫރުގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމުގެ މަގާމުގެ އިތުރުން ޔޫރަޕިއަން ޔޫނިއަންގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމުގެ މަގާމާއި، ޖަޕާނުގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމުގެ މަގާމުވެސް ފުރުއްވާފައިވެ އެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުގައިވެސް ސާބިރަކީ، ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރެވެ. ސާބިރު ދިވެހި ދައުލަތަށް 38 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ހިދުމަތް ކުރެއްވި އެވެ.