ހާރިޖީ ހިދުމަތުގެ އެންމެ މަތިވެރި ޝަރަފް ސަލީމަށް
އަވަސް
27 ޖުލައި 2025 | އާދިއްތަ | 11:03
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ހާރިޖީ ހިދުމަތުގެ އެންމެ މަތިވެރި ޝަރަފް، މ. މާހުރާ، އަހްމަދު ސަލީމަށް އަރުވައިފި އެވެ. މި ޝަރަފް ސަލީމަށް އެރުވީ ސޯސަލް ސެންޓަރުގައި މިހާރު ކުރިއަށްދާ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ ގައެވެ.
އަހްމަދު ސަލީމް، ދައުލަތަށް ހިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު ބައި ގަރުނަށްވުރެ ގިނަ ދުވަސް ވެގެންދިޔައިރު، އެންމެ ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވައިފައިވަނީ ރާއްޖޭގެ ހާރިޖީ ދާއިރާގައެވެ. އޭނާ ދައުލަތުގެ ހިދުމަތާ ގުޅިވަޑައިގަތީވެސް އެ ދާއިރާއިން 7 ޖުލައި 1968 ގައެވެ. އެގޮތުން ހާރިޖީ ދާއިރާގައި އަހްމަދު ސަލީމް ވަނީ އެކިފަހަރުމަތިން 35 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވާފަ އެވެ. ސަލީމު އަދާކުރެއްވި ބައެއް މަގާމުތަކުގެ ތެރޭގައި ދިވެހިރާއްޖެއިން ޕާކިސްތާނަށް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރުކަމުގެ މަގާމާއި، ދިވެހިރާއްޖެއިން ނޭޕާލަށް ކަނޑައަޅުއްވައިފައި ހުންނަވާ ނޮން-ރެޒިޑެންޓް ސަފީރުކަމުގެ މަގާމާއި، ސައުތު އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން (ސާކް) އަށް ދިވެހި ސަރުކާރުން އެންމެ ފުރަތަމަ ކަނޑައެޅި ޑިރެކްޓަރުކަމުގެ މަގާމާއި، ސާކް ސެކްރެޓެރީ ޖެނެރަލް ކަމުގެ މަގާމުވެސް އަޙްމަދު ސަލީމް ވަނީ ފުރުއްވާފަ އެވެ. ޖުމުލަ ފަސް އަހަރާއި ހަމަސް ދުވަހު ސާކުގައި ސަލީމް ވަނީ ހިދުމަތް ކުރައްވާފަ އެވެ. މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އިންޓަނޭޝަނަލް އޯގަނައިޒޭޝަންތަކާ ބެހޭ ބައިގެ ހެޑް އޮފް ޑިޕާޓްމަންޓުގެ ގޮތުގައި ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވައި އަދި މިނިސްޓްރީގެ އެހެނިހެން ޑިޕާޓްމަންޓުތަކުގެ އިސްވެރިއެއްގެ ގޮތުގައިވެސް ސަލީމު މަސައްކަތް ކުރައްވާފައިވެ އެވެ. ސަލީމް ރާއްޖޭގެ ހާރިޖީ ދާއިރާގައި މަސައްކަތްޕުޅު ކުރެއްވި ދިގު މުއްދަތުގައި ރާއްޖެއިން ބޭރުގައި ބާއްވާފައިވާ ބައިނަލްއަގްވާމީ އެތައް ބައްދަލުވުންތަކެއްގައި ވަނީ ރާއްޖެ ތަމްސީލު ކުރައްވާފަ އެވެ. އަދި ރާއްޖޭގެ ތަރައްގީއަށް ބޭރު ގައުމުތަކުން އެހީ ހޯއްދަވައިދެއްވުމަށް ގިނަ މަސައްކަތްތަކެއް ވަނީ ކޮށްދެއްވާފަ އެވެ. މީގެއިތުރުން އަހްމަދު ސަލީމް ވަނީ އެ މިނިސްޓްރީގެ "ފޮރިން ސާވިސް އިންސްޓިޓިއުޓް" ވެސް ހިންގަވާފަ އެވެ. އަހްމަދު ސަލީމަކީ ރާއްޖޭގެ ހާރިޖީ ދާއިރާގެ އިތުރުން ދައުލަތުގެ އެހެން ބައެއް މުއައްސަސާތަކުގައިވެސް ހިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން 2003 ވަނަ އަހަރު ފުރަތަމަ ފަހަރަށް ރާއްޖޭގައި ހިއުމަން ރައިޓްސް ކޮމިޝަނެއް އުފެއްދިއިރު އެ ކޮމިޝަނަށް އައްޔަން ކުރެއްވި މެންބަރުންގެ ތެރޭގައި ސަލީމް ހިމެނިވަޑައިގެންނެވި އެވެ. އަދި މިހާރު އަމަލުކުރަމުން ގެންދާ 2008 ވަނަ އަހަރު ތަސްދީގު ކުރި ގާނޫނުއަސާސީގެ ދަށުން އެކުލަވާލި ހިއުމަން ރައިޓްސް ކޮމިޝަންގެ ފުރަތަމަ ރައީސަކީވެސް އަހްމަދު ސަލީމެވެ. ސަލީމް ފުރުއްވާފައިވާ އެހެން ބައެއް އިސް މަގާމުތަކުގެ ތެރޭގައި ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން ކަމުގެ މަގާމާއި، ޑިޕާޓްމަންޓް އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގެ ޑެޕިއުޓީ ޑިރެކްޓަރު ކަމުގެ މަގާމާއި، މިނިސްޓްރީ އޮފް ހޯމްއެފެއާޒް އެންޑް ސްޕޯޓްސްގެ ޑިރެކްޓާ އޮފް ސްޕޯޓްސް ކަމުގެ މަގާމު ހިމެނެ އެވެ. އަދި މިނިސްޓްރީ އޮފް ޔޫތު، ވިމެންސް އެފެއާޒް އެންޑް ސްޕޯޓްސްގެ ޑިރެކްޓާ ޖެނެރަލްކަމުގެ މަގާމާއި، މިނިސްޓްރީ އޮފް ވިމެންސް އެފެއާޒް އެންޑް ސޯޝަލް ސެކިއުރިޓީގެ ޑިރެކްޓާ ޖެނެރަލް ކަމުގެ މަގާމާއި، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަންގެ ޑިރެކްޓާ ޖެނެރަލް ކަމުގެ މަގާމުވެސް އަހްމަދު ސަލީމް ފުރުއްވާފައިވެ އެވެ. އަހްމަދު ސަލީމް، ދައުލަތަށް ހިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު 54 އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ.