މިނިވަންކަން ދެމެހެއްޓުމަށް ގައުމީ ލޯބި އިސްކުރަންޖެހޭ: ރައީސް
އަވަސް
27 ޖުލައި 2025 | އާދިއްތަ | 12:16
ގައުމުގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި އެންމެން އެއް މިސްރާބަކަށް ގައުމީ ލޯބީގައި މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފި އެވެ.
ރައީސް މުއިއްޒު މިކަމަށް އެދިވަޑައިގެންނެވީ ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހާ ގުޅުވައިގެން ސޯޝަލް ސެންޓަރުގައި މިއަދު ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ދިވެހި ގައުމަށް މިއަދު ލިބިފައިވާ މިނިވަންކަމަކީ އެތައް ބައެއްގެ ގުރުބާނީއާއި ބުރަ މަސައްކަތުން ހޯދާފައިވާ މިނިވަންކަމެއް ކަމަށެވެ. އެހެންކަމުން މިއަދު ދިވެހިންނަށް ލިބިފައިވާ މިނިވަންކަން ކުރިއަށް އޮތް ޖީލުތަކަށް އަމާންތެރިކަމާއެކު ފޯރުކޮށްދިނުމަކީ ކޮންމެ ފަރުދެއްގެވެސް ޒިންމާއެއް ކަމުގައި ވިދާޅުވި އެވެ. "އެހެންވީމާ ކޮންމެ މީހަކުވެސް މަސައްކަތް ކުރަންޖެހޭނީ ގާއުމީ ލޯބި އިސްކޮށްގެން،" ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ ބައެއްގެ އެހީތެރިކަން ބައެއް ކަންކަމުގައި ހޯދި ނަމަވެސް ދިވެހިންގެ ކަންކަން ނިންމަންވާނީ ދިވެހިން އަމިއްލައަށް ކަމަށާއި މިސަރުކާރުގެ ސިޔާސަތަކީ އެގޮތަށް މަސައްކަތް ކުރުން ކަމަށްވެސް ވިދާޅުވި އެވެ. ރާއްޖެއަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެހެން ގައުމުތަކުގެ އެހީތެރިކަން ހޯދައި ގުޅުން ބަދަހިކުރެއްވުމަކީ ސިޔާސަތު ކަމަށާއި އެގޮތަށް މަސައްކަތް ކުރެވޭނީ އެންމެން ގުޅިގެން މަސައްކަތް ކޮށްގެން ކަމަށްވެސް ވިދާޅުވި އެވެ. "އެންމެން އެއް މިސްރާބެއްގައި ގައުމީ ލޯބީގައި ދާހިނދު އެކަނި ގައުމެއް ގައުމެއްގެ ގޮތުގައި އޮންނާނީ. އެހެންވީމަ މިގޮތުގައި މިއަޒުމު ކަނޑައަޅަން އަޅުގަނޑު އިލްތިމާސްކުރަން،" ރައީސް ވިދާޅުވި އެވެ. އަމިއްލަ ނަފުސާއި ސިކުނޑި ތަރައްގީކުރަން ނިންމައިގެން ނޫނީ ހަގީީގީ ތަރައްގީ ހާސިލުވާން ނެތްކަން ހަނދާންކޮށްދެއްވައި ރައީސް ވިދާޅުވީ ދިވެހިންނަކީ ކޮން ބައެއްކަމާއި، ދިވެހީންނަށް ވީތީ ފަޚުރުވެރިވެ، އަބުތާލުންގެ ޖިހާދަށް ލޯމަރާލެވެން ނެތްކަން ގަބޫލުކޮށް، ދިވެހިބަހާއި އިސްލާމް ދީނަށް، އަދި ގައުމިއްޔަތަށް އިސްކަންދިނުމަށް ކޮންމެ ފަރުދަކުވެސް ނިންމުމުން ނޫނީ ގައުމަށް ތަރައްގީ ގެނައުމުގެ އެއްވެސް މާނައެއް ނެތް ކަމަށެވެ. "ދިވެހި ގައުމުގެ މިނިވަންކަން ރައްކާތެރިކުރުމުގައްޔާއި، އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުގައި، ތިމަންނާ މަސައްކަތްކޮށްފީވިއްޔާ އެކަންޏޭ އެކަން އެވާނީ. މިއީ އަޅުގަނޑުމެން ކޮންމެ މީހަކު އެއްވެސް ޝައްކެއްނެތި، މިއަދު ޔަގީންކަމާއެކު ގަބޫލުކުރަންޖެހޭނެ ހަގީގަތެއް،" ރައީސް ވިދާޅިވި އެވެ.