ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓަށް ހަދައިދިން އިމާރާތް ހުޅުވައިފި

އަވަސް

27 ޖުލައި 2025 | އާދިއްތަ | 6:29

ރާއްޖޭގެ ޝަރުއީ ކޯޓުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލު ހޯދުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ޖަސްޓިސް ބިލްޑިން އެނެކްސްގައި ގާއިމުކުރި ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ހުޅުވައިދެއްވައިފި އެވެ.

ދިވެހިރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ މައްސަލައިގެ އަޑުއެހުންތައް ލަސްވެ، ހުކުމަކާ ހަމައަށް ވާސިލް ނުވެ ދިގުލައިގެން ދިއުމެވެ. ހުޅުމާލޭގައި ތަރައްގީކުރި ޖަސްޓިސް ބިލްޑިން އެނެކްސްއަކީ ހުޅުމާލޭގައި ތަރައްގީކުރަން ހަމަޖެހިފައިވާ ސުޕީރިއާ ކޯޓު ކޮމްޕްލެކްސް އިމާރާތްކުރެވެންދެން ކޯޓުތަކުގެ ޖާގައިގެ ދަތިކަމަށް މިވަގުތަށް ހައްލު ހޯދައިދިނުމަށް ތައްޔާރުކުރެވުނު އިމާރާތެކެވެ. މި ދެ ކޯޓު މީގެ ކުރިން ހިންގަމުން އައިސްފައިވަނީ މާލޭ ގައެވެ. ރައީސުލްޖުމްހޫރިއްޔާ މިއަދު ހުޅުއްވައިދެއްވި ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓުގެ އާ އިމާރާތް ބޭނުންކުރަން ފެށުމުން ކޯޓުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ލިބި، މައްސަލައިގެ އަޑުއެހުންތައް ލަސްވެ، ހުކުމަކާ ހަމައަށް ވާސިލް ނުވެ، ދިގުލައިގެން ދިއުމުގެ މައްސަލައަށް ބޮޑު ހައްލެއް ލިބިގެންދާނެ އެވެ. މިއަދު ހުޅުވި އިމާރާތުގައި ޑްރަގް ކޯޓަށް ހާއްސަ ފަސް ކޯޓު ރޫމާއި ކްރިމިނަލް ކޯޓަށް ހާއްސަ 10 ކޯޓު ރޫމް ހިމެނެ އެވެ. އަދި ފަނޑިޔާރުންނަށް ހާއްސަ 17 ކޮޓަރީގެ އިތުރުން ދިފާއީ ވަކީލުންނަށާއި ދައުލަތުގެ ވަކީލުންނަށް ބޭނުން ކުރެވޭނެ ޖާގަތަކެއްވެސް ވަނީ ކަނޑައަޅާފަ އެވެ. ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މި މަޝްރޫއުގެ ދަށުން ތަރައްގީ ކުރި އާ އިމާރާތުގެ ކޯޓު ރޫމްތަކަކީ ޖާގައިގެ ގޮތުން ތަނަވަސް ތަންތަނަށް ވުމުން، ޝަރީއަތްތައް ހިންގުމަށާއި ކަމާ ގުޅުންހުރި އެހެނިހެން މަސައްކަތްތައް ކުރުމަށް ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް ޖާގައިގެ ތަނަވަސްކަން ލިބޭނެ އެވެ. ކޯޓުތަކަށް ދިމާވެފައި އޮތް ޖާގައިގެ ދަތިކަމަށް ހައްލު ހޯދައިދިނުމުގެ ގޮތުން، ހުޅުމާލޭގައި ސުޕީރިއާ ކޯޓު ކޮމްޕްލެކްސް އެޅުމުގެ މަސައްކަތް، މިއަހަރު ފައްޓަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މިއަހަރު ދެއްވި ރިޔާސީ ބަޔާނުގައި ވިދާޅުވެފައިވެ އެވެ. އަދި މި ކޮމްޕްލެކްސް ނިމެންދެންވެސް ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓު، ޖާގަ ތަނަވަސް އިމާރާތަކަށް ބަދަލުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށާ، މި އަހަރުގެ އޮގަސްޓު މަހުގެ ކުރިން ހުޅުމާލޭގައި މި ދެ ކޯޓު ހިންގަން ފެށުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ނިންމައިލެވޭނެ ކަމުގައިވެސް ރައީސް އޭރު ވިދާޅުވި އެވެ. މިއަދު ހުޅުވުނު އިމާރާތުގެ ސަބަބުން ނުހިނގާ ހުރި ގިނަ މައްސަލަތައް ހިނގަން ފަށާނެ ކަމަށާއި، ވާނުވާގައި ތިބި އެތައް ބަޔަކަށް އިންސާފު ލިބި، ވާނުވާ ބަންދުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ކުރެވޭ މަސައްކަތަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައިވެސް ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވެފައިވެ އެވެ.

މައުޟޫޢުތަށް