ހަސަން ސޯބިރު އަވަހާރަވެއްޖެ
އަވަސް
28 ޖުލައި 2025 | ހޯމަ | 9:01
ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ ހަސަން ސޯބިރު އަވަހާރަވެއްޖެ އެވެ.
ޓޫރިޒަމް މިނިސްޓަރުކަންވެސް ކުރެއްވި ހަސަން ސޯބިރު އަވަހާރަވީ މިއަދު ހެނދުނު ޓްރީޓޮޕް ހޮސްޕިޓަލްގަ އެވެ. ސޯބިރަށް ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިކަން އަރުވާފައިވަނީ އިއްޔެ ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގަ އެވެ. ހަސަން ސާބިރު ފާހަގަވެގެންދަނީ ދިވެހި ގައުމުގެ އިގްތިސާދާ ބެހޭ ހުރިހާ ދާއިރާއެއްގައި ދިގު މުއްދަތެއް ވަންދެން ހިދުމަތް ކުރެއްވި ބޭފުޅެއްގެ ގޮތުގަ އެވެ. އެ ދާއިރާތަކުގެ ތެރޭގައި ފަތުރުވެރިކަމާއި، މަސްވެރިކަމާއި، ދަނޑުވެރިކަން ހިމެނެ އެވެ. އަދި ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތައް ރޭއްވެވުމާއި ހިންގެވުމުގައްޔާއި، ހާރިޖީ ދާއިރާގައި އޭނާ ކުރައްވާފައިވާ ހިދުމަތްތައް ފާހަގަކޮށްލެވެ އެވެ. ސާބިރު، ދިވެހި ދައުލަތަށް ހިދުމަތް ކުރައްވަން ފެއްޓެވީ ފެބުރުއަރީ 7، 1973 ގައެވެ. އެމަނިކުފާނުގެ މަސައްކަތްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ ނެޝަނަލް ޕްލޭނިން އޭޖެންސީގައި ކުރެއްވި މަސައްކަތެވެ. ނެޝަނަލް ޕްލޭނިން އޭޖެންސީ އުވާލައްވައި، ނޮވެންބަރު 10، 1982 ގައި މިނިސްޓްރީ އޮފް ޕްލޭނިން އެންޑް ޑިވެލޮޕްމަންޓް އުފެއްދެވުމާ ގުޅިގެން، އެ މިނިސްޓްރީގެ ތަފާތު މަގާމުތައްވެސް ސާބިރު ފުރުއްވި އެވެ. ނޮވެމްބަރު 11، 1993 ގައި، ރައީސް މައުމޫން އަބްދުލްގައްޔޫމް، ރިޔާސީ ހަތަރުވަނަ ދައުރަކަށް ހުވާކުރެއްވުމަށްފަހު އެކުލަވާލެއްވި ކެބިނެޓުގައި، މިނިސްޓާ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗާގެ މަގާމަށް އައްޔަން ކުރެއްވީ ހަސަން ސާބިރެވެ. ދިވެހިރާއްޖޭގެ މަސްވެރިކަމާއި، ދަނޑުވެރިކަން ކުރިއެރުވުމަށްޓަކައި އޭނާ ކޮށްދެއްވި މަސައްކަތްތައް ފާހަގަކޮށްލަން ޖެހެ އެވެ. ރައީސް މައުމޫންގެ ރިޔާސީ ފަސްވަނަ ދައުރުގެ ކެބިނެޓުގައިވެސް ހަސަން ސާބިރު ހިމަނުއްވައި، ޓޫރިޒަމް މިނިސްޓަރަކަށް އައްޔަން ކުރެއްވި އެވެ. ސާބިރުގެ ހިދުމަތް، އޭގެފަހުން ފެނިގެން ދިޔައީ ރާއްޖޭގެ ހާރިޖީ ދާއިރާއިންނެވެ. އެގޮތުން އޭނާ އަދާކުރެއްވި ބައެއް މަގާމުތަކުގެ ތެރޭގައި އިނގިރޭސިވިލާތުގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމުގެ މަގާމާއި، ސިންގަޕޫރުގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމުގެ މަގާމުގެ އިތުރުން ޔޫރަޕިއަން ޔޫނިއަންގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމުގެ މަގާމާއި، ޖަޕާނުގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމުގެ މަގާމުވެސް ފުރުއްވާފައިވެ އެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުގައިވެސް ސާބިރަކީ، ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރެވެ. ސާބިރު ދިވެހި ދައުލަތަށް 38 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ހިދުމަތް ކުރެއްވި އެވެ.