"ސޯބިރަކީ ހާރިޖީ ގުޅުން ވަރުގަދަކުރަން މަސައްކަތް ކުރެއްވި ޑިޕްލޮމެޓެއް"

އަވަސް

28 ޖުލައި 2025 | ހޯމަ | 9:20

ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ ހަސަން ސޯބިރަކީ ހާރިޖީ ގުޅުންތައް ވަރުގަދަ ކުރުމަށް މަސައްކަތް ކުރެއްވި ޑިޕްލޮމެޓެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާފައިވާ ސަފީރު، ހަސަން ސޯބިރު އަވަހާރަވުމުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ސޯބިރު ދެމިއޮތުމުގެ އާލަމަށް ދަތުރުކުރި ޚަބަރު އެހީ ވަރަށް ފުން ހިތާމައާއެކުގައި ކަމަށެވެ. "ޙަސަން ޞާބިރު ދެމިއޮތުމުގެ އާލަމަށް ދަތުރުކުރެއްވުމަކީ މުޅި ދިވެހި ގައުމަށް ލިބުނު ވަރަށް ފުން ހިތާމައެއް. އަލްމަރްޙޫމް ޙަސަން ޞާބިރަކީ ވަޒީރުކަމުގެ މަގާމުގައި ހުންނަވައިގެން، ރާއްޖޭގެ މަސްވެރިކަމާއި، ދަނޑުވެރިކަމާއި، ފަތުރުވެރިކަމުގެ ދާއިރާއަށް، ވަރަށް ބިނާކުރަނިވި ހިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއް،" ރައީސް މުއިއްޒު ވިދާޅުވި އެވެ. ވަޒީރުކަމުގައި ސޯބިރު އެންމެ ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވީ ފަތުރުވެރިކަމުގެ ދާއިރާގައިކަން ރައީސް ވަނީ ފާހަގަކުރައްވާފަ އެވެ.

ރައީސް ވިދާޅުވި ގޮތުގައި ސޯބިރަކީ ރާއްޖެއިން އެކި ގައުމުތަކަށް ކަނޑައެޅުއްވި ސަފީރުކަމުގެ މަގާމުގައި ހުންނަވައިގެން، ރާއްޖޭގެ ހާރިޖީ ގުޅުންތައް ވަރުގަދަކުރެއްވުމަށް، ވަރަށް ހަރުދަނާ މަސައްކަތްޕުޅުތަކެއް ކުރެއްވި ޑިޕްލޮމެޓެކެވެ. ސޯބިރު އަވަހާރަވީ މިއަދު ހެނދުނު ޓްރީޓޮޕް ހޮސްޕިޓަލްގަ އެވެ.

މައުޟޫޢުތަށް