ބ. އަތޮޅުގައި އާރްޓީއެލްގެ ހިދުމަތް ފަށައިފި
އަވަސް
28 ޖުލައި 2025 | ހޯމަ | 12:00
ބ. އަތޮޅުގައި އާރްޓީއެލްގެ ހިދުމަތް މިއަދު ފަށައިފި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ބ. އަތޮޅުގައި މިއަދު ރަސްމީކޮށް އާރްޓީއެލްގެ ހިދުމަތް ފެށުމާ ގުޅިގެން އެ އަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށް ގުޅާލެވިގެންދާނެ ކަމަށެވެ. ބ . އަތޮޅުގައި އާރްޓީއެލް ފެރީގައި މިއަދުން ފެށިގެން އެއް ހަފްތާއަށް ހިލޭ ދަތުރުކުރުމުގެ އިންތިޒާމު ވަނީ ހަމަޖައްސާފަ އެވެ. މިދަތުރުތަކަށް އަގު ނަގަން ފަށާނީ އަންނަ މަހުގެ 4 ވަނަ ދުވަހުން ފެށިގެންނެވެ. ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ބ. އަތޮޅުގައި ހިދުމަތް ދޭނީ ދެ ރޫޓަކުން ކަމަށާއި ހިދުމަތުގައި ދެ ލޯންޗު ބޭނުންކުރާނެ ކަމަށެވެ. ދަތުރުތަކުގެ ރޫޓްތައް ކަނޑައެޅީ އެއާޕޯޓް ހިދުމަތާއި އާންމު އެހެނިހެން ހިދުމަތްތައް ހޯދުމަށް އަތޮޅުގެ ވެރި ރަށަށް ދަތުރުކުރުމަށް ފަހިވާ ގޮތަށް ކަމަށްވެސް މިނިސްޓްރީން ބުންޏެވެ. ފެރީ ނިޒާމަކުން މުޅި ރާއްޖެ ގުޅާލުމަށް އާރުޓީއެލްގެ ހިދުމަތް ފެށީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުންނެވެ. ނ އަތޮޅާއި ރ. އަތޮޅު އަދި ބ. އަތޮޅުގައި މި ހިދުމަތް ފެށީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރންނެވެ. އާރްޓީއެލްގެ ފެރީގެ ހިދުމަތް މިހާރު 11 އަތޮޅުގައި ވަނީ ފަށާފަ އެވެ. އެއީ ހއ، ހދ، ށ، ނ، ރ، ބ، ޅ، ގއ، ގދ ފުވައްމުލައް އަދި އައްޑޫ އެވެ.