ސާބިރު ރަސްމީ އިއްޒަތުގައި ފަސްދާނުލައިފި
އަވަސް
28 ޖުލައި 2025 | ހޯމަ | 4:30
ކުރީގެ ވަޒީރު އަދި ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ ހަސަން ސާބިރު ރަސްމީ އިއްޒަތުގައި ފަސްދާނުލައިފި އެވެ. އެމަނިކުފާނުގެ ޖަނާޒާ ބާއްވާފައިވަނީ މިއަދު އަސްރު ނަމާދަށްފަހު އެވެ. މިއަހަރުގެ މިނިވަން ދުވަހުގެ ރަސްމިއްޔާތުގައި ނިޝާން ޢިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާގެ ޝަރަފު އެރުވި ހަސަން ސާބިރު އަވަހާރަވީ މިއަދު ހެނދުނުގެ ވަގުތެއްގައި ޓްރީ ޓޮޕް ހޮސްޕިޓަލްގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 73 އަހަރެވެ. ހަސަން ސާބިރުގެ ޖަނާޒާ ބާއްވާފައިވަނީ މިއަދު އަސްރު ނަމާދަށްފަހު ގަލޮޅު ސަހަރާ ގައެވެ. މޫނު ދެއްކުމާއި ކަށުނަމާދުކޮށްފައިވަނީ އިސްލާމީ މަރުކަޒު ގައެވެ. އެމަނިކުފާނު ފަސްދާނުލާފައިވަނީ ރަސްމީ އިއްޒަތުގައެވެ. ހަސަން ސާބިރުގެ ކަށުނަމާދުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އަދި ދައުލަތުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ. ހަސަން ސާބިރު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ތައުޒިޔާ ވިދާޅުވެފަ އެވެ. ހަސަން ސާބިރު ވަނީ ދިވެހި ދައުލަތަށް 38 އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފަ އެވެ.