ދިރާގުގެ ސްޓްރީޓް އެގްޒިބިޝަންތަކަށް ބޮޑު ތަރުހީބެއް

އަވަސް

29 ޖުލައި 2025 | އަންގާރަ | 3:07

ރާއްޖޭގެ 60 ވަނަ މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން ދިރާގުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސްޓްރީޓް އެގްޒިބިޝަންތަކެއް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފި އެވެ.

މި އެގްޒިބިޝަންގައި ދިވެހި ސަގާފަތާއި އާދަކާދަތައް ދައްކުވައިދޭ ގައުމިއްޔަތު ރަމްޒުކޮށްދޭ ކުރެހުންތައް ވަނީ ހިމަނައިފަ އެވެ. މިއީ، ދިރާގުގެ މިއަހަރުގެ ކަލަންޑަރު "މިނިވަންކަން މަތީ އަބަދަށް" ގެ މައްޗަށް ބިނާކޮށް ކުރިއަށް ގެންދިޔަ އެގްޒިބިޝަންތަކެކެވެ. މި ކަލަންޑަރަކީ ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމުގެ މުނާސަބަތުގައި އެކުލަވައިލައިފައިވާ ކަލަންޑަރެކެވެ. ދިރާގުގެ މެނޭޖާ ބްރޭންޑް އެންޑް އިވެންޓްސް ނާޔާ ޝަރީފް ވިދާޅުވީ މި ތާރީހީ މުނާސަބަތުގައި ރާއްޖޭގެ މުއްސަނދި ސަގާފަތާއި އާދަކާދަތައް ދައްކުވައިދޭ މި ސްޓްރީޓް އެގްޒިބިޝަން މެދުވެރިކޮށް މުޖުތަމައު އެއްތަނަކަށް ގެނެސް، ރާއްޖޭގެ މިނިވަން ދުވަސް ކުލަގަދަކޮށް ފާހަގަކޮށް އެކަކު އަނެކަކާ ގުޅުން ބަދަހިކުރުމަށް މަގުފަހިކޮށްދިނުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ. މާލޭގައި މި ސްޓްރީޓް އެގްޒިބިޝަން ކުރިއަށް ގެންދިޔައީ މިމަހުގެ 27 އަދި 28 ވަނަ ދުވަހު އެވެ. ހުޅުމާލެ، ޏ. ފުވައްމުލައް، ހދ. ކުޅުދުއްފުށި، ލ.ގަން، ގދ. ތިނަދޫ، ސ. ހިތަދޫ، އދ. ދަނގެތި އަދި ބ.އޭދަފުށީގައި މި ސްޓްރީޓް އެގްޒިބިޝަން ކުރިއަށް ގެންދިޔައީ މިމަހުގެ 26 އަދި 27 ވަނަ ދުވަހު އެވެ. ދިރާގުން ދަނީ ގައުމީވަންތަކަށް އާލާކޮށް، ދިވެހިންގެ ދިރިއުޅުން އިތުރަށް ފުރިހަމަކޮށްދީ އެކި މުނާސަބަތުތައް ފާހަގަކުރުމުގެ ތެރެއިން މުޖުތަމައުގެ ގުޅުން އިތުރަށް ވަރުގަދަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މައުޟޫޢުތަށް