ރައީސް ތުރުކުރައްވައިގެން ހުންނެވި ކުރުތާ، ކިހިނެއްވީ ކަމެއްބާ؟

އަވަސް

29 ޖުލައި 2025 | އަންގާރަ | 3:36

ލަންކާގެ ރައީސް އަރޫނާ ކުމާރާ ޑިސަނައިކަ ދަތުރު ކުރެއްވި ބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސުމާއިއެކު ދެން އިންތިޒާރު ކުރެވުނީ ރައީސް ޑިސަނައިކަ ބޯޓުން ފައިބާނެ ވަގުތަކަށެވެ.

ރައީސް ޑިސަނައިކަގެ ފުރަތަމަ ފެނިލުމުގައިވެސް އެންމެ ގިނަބައެއްގެ ލޮލުގަ އަޅައިގަތީ އެމަނިކުފާނު ތުރުކުރައްވައިގެން ހުންނެވި ވަރަށް އާދައިގެ އަޅިކުލައިގެ ކުރުތާ އެވެ. އަދި އެ ކުރުތާއަށް އަރާފައި ހުރި ގިނަ ރޫތަކެވެ. ލަންކާ ރައީސްގެ ކުރުތާ ދިވެހި މީޑިޔާގެ ބަހުސަކަށް ވިއެވެ. އެހެން ނަމަވެސް އެއީ ކިހިނެއް ކޮން ގޮތަކަށް ހިނގާ ދިޔަކަމެއްކަން ސާފެއް ނުވެ އެވެ. އާންމު ޑިޕްލޮމެޓިކް ހަމަތަކަށް ބަލާއިރު ދައުލަތުގެ އެންމެ އިސް ވެރިޔާ ނުވަތަ ސަރުކާރުގެ އެންމެ އިސްވެރިޔާ ބޭރު ގައުމުތަކަށް ޒިޔާރަތްކުރާ އިރު ހެދުން އެޅުމުގައި ގެންގުޅޭ ހަމަތަކެއް ހުރެއެވެ. ލަންކާގެ ރައީސް ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުގައި އެ ހަމަ އިހްތިޔާރު ނުކުރެއްވީ ކީއްވެތޯ ގިނަ ބަޔަކު ސުވާލުކުރެ އެވެ.

އެކަން އެގޮތަށް ހިންގަން ދިމާވެދާނެ ސަބަބުތަކަށް ބަލާއިރު ދެކަމެއް ފާހަގަކުރެ އެވެ. ފުރަތަމަ ކަމަކީ ލަންކާގެ ރައީސްގެ ޕްރޮޓޮކޯލްއަށް އޮޅުމެއް އެރުމެވެ. ކޮމިނިކޭޝަން އެންމެ ރަނގަޅަށް އެސްޓެބްލިޝް ނުވުމެވެ. ރަސްމީ ސިފައެއްގައި ލަންކާގެ ރައީސް ޑިސަނައިކަ ރިސީވްކުރުން އޮތީ އެދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައި މާލޭގަ އެވެ. އެހެންކަމުން ލަންކާގެ ރައީސް އަދި އެބޭފުޅާގެ ޕްރޮޓޮކޯލް ޓީމުގެ ވިސްނުން ހުރީ މާލޭގައި ރައީސް މުއިއްޒު އެބޭފުޅާ ރިސީވްކުރައްވާއިރު ރަސްމީ ހެދުންކޮޅެއް ތުރުކުރައްވާ ގޮތައްކަމަށް ވެދާނެ އެވެ. ދެން އުފެދޭ ސުވާލަކީ އެގޮތަށް އެކަން ހަމަޖެހިފައި އޮތްނަމަ ރައީސް ޑިސަނައިކަ ރިސީވްކުރައްވަން ރައީސް މުއިއްޒު ވެލާނާ އެއާޕޯޓަށް ވަޑައިގެންނެވީ ކީއްވެތޯ އެވެ. އާންމު އުސޫލަކުން ދުނިޔޭގެ ގިނަ ގައުމުތަކުގައި އެހެން ގައުމެއްގެ ރައިސްއަކު އެގައުމަށް ވަޑައިގަތުމުން އެ ރައީސް އަކަށް ފުރަތަމަ އެއާޕޯޓް އިން މަރުހަބާ ދަންނަވާނީ ސީނިއަ ވަޒީރެއް ނުވަތަ އެކަމަށް ސީދާ ރައީސް ކަނޑައަޅުއްވާ ބޭފުޅެކެވެ. އެކަމުގެ ހިކުމަތަކީ ދިވެހިރާއްޖެއާއި ހިލާފަށް އެހެން ބައެއް ގައުމުތަކަކީ ވަރަށް ބޮޑެތި ގައުމުތަކެވެ. ރައީސަކީ އެއްތަނުން އަނެއް ތަނަށް ދަތުރު ކުރުމަކީ ވަރަށް ގިނަ ޕްރޮޓޮކޯލްތަކުގެ ތެރެއިން ރޭވުންތެރިކަމާއެކު ހިންގާ މަސައްކަތެކެވެ. އެހެން ކަމުން ބޭރުން އަންނަ ރައީސްއަކަށް މަރުހަބާ ދަންނަވަން އެގައުމެއްގެ ރައީސްއަކު އެއާޕޯޓް އަށް ވަޑައިގެން އެ ބޭފުޅަކު ރިސީވްކުރުން އޮންނަނީ ދޭދޭ ގައުމުގެ ގުޅުމާއި ގާތްކަމުގެ މައްޗައް ބިނާވެފައެވެ. ލަންކާގެ ރައީސް ގެ ދަތުރުފުޅުގައި ނޫސްވެރިންގެ ލެންސްގައި އެމަނިކުފާނުގެ "ރޫ ޖެހިފައި އޮތް ކުރުތާ" އަޅައިގަތީ ރައީސް މުއިއްޒު އެމަނިކުފާނު ރިސީވްކުރައްވަން ވަޑައިގެން އެއާޕޯޓް ގައި ހުންނެވުމުންނެވެ.

މައުޟޫޢުތަށް