ފަލަސްތީނުގެ ކިތައް ރައްޔިތުން އިޒްރޭލުން މިހާތަނަށް ޝަހީދު ކޮށްލައިފައިވޭ؟
އަވަސް
30 ޖުލައި 2025 | ބުދަ | 7:09
އިޒްރޭލުން އޮކްޓޫބަރު 7، 2023ގައި ފެށި އުދުވާނުންގައި މިހާތަނަށް ފަލަސްތީނުގެ 60،000 މީހުން ޝަހީދުކޮށްލާފައިވާ ކަމަށް ފަލަސްތީނުގެ ހެލްތު އޮތޯރިޓީން ބުނެފި އެވެ.
ފަލަސްތީނުގެ ގާޒާއަށް އިޒްރޭލުގެ އަސްކަރިޔާއިން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ޝަހީދުކޮށްލި 60،000 މީހުންގެ ތެރެއިން 18،592 މީހުންނަކީ 18 އަހަރު ނުވާ ކުޑަ ކުދިންނެވެ. މިއަހަރު ކުރީކޮޅު ދެމަސް ދުވަހަށް ހަނގުރާމަ ވަގުތީ ގޮތުން ހުއްޓުމަށްފަހު މާޗު މަހު އަލުން ހަނގުރާމަ ފެށިފަހުން މިހާތަނަށް ފަލަސްތީނުގެ 8،500 މީހުން ޝަހީދު ކޮށްލައިފައިވެ އެވެ. ފަލަސްތީނުގެ މައްޗަށް ޒަމާނުއްސުރެ އަތްގަދަކޮށްގެން އުޅޭ އިޒްރޭލުން މި ފަހަރު ހަނގުރާމަ އިއުލާންކުރީ 2023 ވަނަ އަހަރު އޮކްޓޫބަރު 7 ވަނަ ދުވަހު ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދުކުރާ ހާމާސްގެ ހަނގުރާމަވެރިން އިޒްރޭލް ބޯޑަރު ހުރަސްކޮށް އިޒްރޭލް ތެރެއަށް ވަދެގަނެ ދިން ކާމިޔާބު ހަމަލާއަށް ފަހު އެވެ. އިޒްރޭލުން އަސްކަރިއްޔާއިން ބުނާ ގޮތުން ހަމާސް އިން ދިން މި ހަމަލާގައި އިޒްރޭލްގެ 1200 އެއްހާ މީހުން މާރާލައި 257 މީހަކު ވަނީ ވަގަށް ނަގާ ހާމާސްގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.