ގަރާޖު ސިޓީ ދޫކޮށްފައިވާ ގެތަކުގެ ނަންތައް އާންމުކުރަނީ
އަވަސް
30 ޖުލައި 2025 | ބުދަ | 8:56
ގަރާޖު ސިޓީ ދޫކޮށްފައިވާ ގެތަކުގެ ނަންތައް އާންމުކުރާނެ ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.
މާލޭ ސިޓީ ކައުންސިލުން ރޭ ބޭއްވި ރައްޔިތުންގެ ބައްދަލުވުމުގައި އާޒިމް ވިދާޅުވީ މާލޭގެ ބިމުގެ ދަފްތަރުގެ އިއުލާނާއެކު ބިންތަކަށް ރަޖިސްޓްރީކޮށްފައިވާ ކާރުތައް އާންމުކުރަން ވިސްނަވާ ކަމަށެވެ. އާޒިމް ވަނީ އެއް ގެއަކަށް 20-30 ގަރާޖު ސިޓީ ހައްދާފައިވާކަން ފާހަގަކުރައްވާފަ އެވެ. އަދި އެކަންކަން ހާމަކޮށްގެން ނޫނީ ގައުމުގެ ކަންކަން ރަނގަޅު ނުކުރެވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް އާޒިމް ވިދާޅުވި އެވެ. ގަރާޖު ސިޓީގެ ނަމުގައި އެއް ގެއަކަށް ގިނަ އަދަދެއްގެ ކާރު ރަޖިސްޓްރީކުރާ މައްސަލަ ބޮޑުވެފައިވާއިރު އެކަން މާލޭ ސިޓީ ކައުންސިލްގެ ތެރެއިން ހުއްޓުވާފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. "ރައްޔިތުން ކައިރީ އަޅުގަނޑު މި ބުނަނީ މާލެ ސިޓީ ކައުންސިލަށް އެއްވެސް މުވައްޒަފަކަށް ކިތަންމެ ބައިވަރު ލާރި ދިނަސް، ގަރާޖު ސިޓީއެއް ނުގަވައިދުން ނުލިބޭނެއޭ. ނުދެއްވާށޭ ލާރި،" އާޒިމް ވިދާޅުވި އެވެ. އެއްގަމު އުޅަނދުގެ ތެރެއިން ދެ ފުރޮޅުލީ އެއްގަމު އުޅަނދު ފިޔަވައި، އެހެން ހުރިހާ އުޅަނދެއް ރާއްޖެ އެތެރެކުރުމުގެ ކުރިން އެ އުޅަނދެއް އެތެރެކުރުމުގެ ހުއްދައާއެކު، ގަރާޖު ސިޓީ ހުށަހަޅަންޖެހެ އެވެ.