ސީއެސްސީގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލައިފި

އަވަސް

30 ޖުލައި 2025 | ބުދަ | 10:00

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލައިފި އެވެ.

ރައީސް އޮފީހުން އިއްޔެ ކުރި އިއުލާނެއްގައި ބުނީ ސީއެސްސީގެ ތިން މެންބަރެއްގެ މެންބަރުކަމުގެ މުއްދަތު ހަމަވާތީ، އެ ކޮމިޝަންގެ މެންބަރު ކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އޮގަސްޓް 12 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށް އަލުން ހުޅުވާލާފައިވާ ކަމަށެވެ. ރައީސް އޮފީހުން މި ފުރުސަތު ހުޅުވާލީ ސީއެސްސީގެ ރައީސް މުހައްމަދު ނާސިހާއި، ކޮމިޝަންގެ މެންބަރުން ކަމުގައިވާ މުހައްމަދު ފަރުސަތާއި ފާތިމަތު ޝަރީފްގެ މެންބަރު ކަމުގެ ދައުރުގެ މުއްދަތު ހަމަވާތީ އެވެ.

މި ތިން ބޭފުޅުންވެސް ސިވިލް ސާވިސް ކޮމިޝަންގެ މެންބަރު ކަމަށް އައްޔަންކޮށްފައިވަނީ ސެޕްޓެމްބަރު 3، 2020 ގައެވެ. އެ މެންބަރުންގެ މެންބަރުކަމުގެ މުއްދަތު ހަމަވާތީ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ ހަ ވަނަ ދުވަހު ރައީސް އޮފީހުން ހުޅުވާލި އެވެ. ރައީސް އޮފީހުން އިއްޔެ ކުރި އިއުލާނުގައި ބުނީ ސީއެސްސީގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމަށް މި މަހުގެ ހަ ވަނަ ދުވަހު ކުރި އިއުލާނުން އެ ކޮމިޝަންގެ މެންބަރު ކަމަށް ކުރިމަތިލެއްވި ބޭފުޅުން ހުށަހެޅުއްވި ލިޔުންތައް ބަލައިގަނެފައިވާ ކަމަށެވެ.

މައުޟޫޢުތަށް