އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު މައުރޫފް އިސްތިއުފާ ދެއްވައިފި

އަވަސް

30 ޖުލައި 2025 | ބުދަ | 12:15

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު މައުރޫފް ޖަމީލް އެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މައުރޫފް އައްޔަންކުރީ ކުރިން އެމަގާމުގައި ހުންނެވި އިބްރާހީމް ފަޒުލް ރަޝީދާ ގުޅުންހުރި ކަމަށް ތުހުމަތުކުރެވޭ ކޮރަޕްޝަންގެ މައްސަލަތަކެއް ފެންމަތިވުމާ ގުޅިގެން މިދިޔަ ޑިސެމްބަރު 21 ވަނަ ދުވަހު ފަޒުލް އިސްތިއުފާ ދެއްވުމާ ގުޅިގެން ޖެހިގެން އައި ޑިސެމްބަރު 22 ވަނަ ދުވަހު އެވެ. މަގާމުން ވަކިވެވަޑައިގަތުމަށް ނިންމަވާ މައުރޫފު އެކަން ކުންފުނީގެ މުވައްޒަފުންނަށް މީގެ ކުރިން އެންގެވި އެވެ. ކުރިން ނިންމާފައި އޮތީ އަންނަ މަހުގެ 18 ވަނަ ދުވަހުން ފެށިގެން ރިޓަޔާ ކުރައްވާ ގޮތަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެޗްޑީސީ އިން ވަކިވެވަޑައިގަތުމަށްފަހު ސަރުކާރުގެ އެޑްވައިޒަރީ ފެންވަރުގެ މަގާމަކާ ހަވާލުވެވަޑައިގަތުމަށް މައުރޫފް ނިންމަވާފައިވާ ކަމަށްވެސް ވެއެވެ. މައުރޫފު ވަނީ ހުޅުމާލެ އެންމެ ފުރަތަމަ ހިއްކި ދުވަސްވަރުން ފެށިިގެން ވަރަށް ގިނަ ދުވަސް ވަންދެން އެތަން ތަރައްގީ ކުރުމުގައި އިސްކޮށް ހަރަކާތެރިވެ ވަޑައިގެންފަ އެވެ. ހުޅުމާލެ ޑިވެލޮޕްމަންޓް ޔުނިޓު އުފެއްދިއިރު އެތަނުގެ ޑިރެކްޓާ ޖެނެރަލްގެ މަގާމު އަދި އޭގެ ފަހުން އެޗްޑީސީ އުފެދުމާއެކު އެ ކުންފުނީގެ ސީއީއޯގެ މަގާމުވެސް އޭނާ އަދާކުރެއްވި އެވެ.

މައުޟޫޢުތަށް