4،720 ފިޔާ ބަސްތާ ބާލައިފިން: އެމްޕީއެލް
އަވަސް
30 ޖުލައި 2025 | ބުދަ | 12:26
ރާއްޖޭގެ ބާޒާރުން ފިޔާ ލިބުން ދަތިވެފައި ވަނިކޮށް އިއްޔެ އާއި ރޭގެ ވަގުތެއްގައި ކުރި މަސައްކަތުން 4،720 ބަސްތާ ފިޔާ ބޯޓުތަކުން ބާލާފައިވާ ކަމަށް އެމްޕީއެލް އިން މިއަދު ބުނެފި އެވެ.
ބައެއް ވިޔަފާރިވެރިން ބުނާ ގޮތުން ބާޒާރުން ފިޔާ ލިބުން ދަތިވީ މޫސުން ގޯސްވެ، އެމްޕީއެލްގެ ބަނދަރުތަކުން ފިޔާ ބޭލުން ލަސްވެގެންނެވެ. އެމްޕީއެލް އިން މޫސުން ގޯސްވުމުގެ ސަބަބުން ޕެރިޝަބަލް މުދާ ބޭލުމުގައި ދަތިތަކެއް އެ ކުންފުންޏަށް ކުރިމަތިވި ކަމަށެވެ. އެކަމަކު އެމްޕީއެލްގެ ކާގޯ އޮޕަރޭޝަންސް އިން އިއްޔެ އާއި ރޭ ކުރި މަސައްކަތުން ތިން ބޯޓަކުން މުދާ ބާލައި، ހުސްކޮށްފައި ކަމަށާއި އޭގެ ތެރޭގައި 4،720 ބަސްތާ ފިޔާ ހިމެނޭ ކަމަށް އެމްޕީއެލް އިން ބުންޏެވެ. އެ ކުންފުނިން ބުނީ މާލޭ ވިޔަފާރި ބަނދަރަށް އިއްޔެ އަައި ބޯޓުން މުދާ ބޭލުމުގެ މަސައްކަތް މޫސުން ތަންދޭ މިންވަރަކުން މިއަދުވެސް ކުރިއަށް ގެންދާނެ ކަމަށެވެ. އެ ބޯޓުން ގެނައި ޕެރިޝަބަލްސްގެ ތެރޭގައި 3،840 ބަސްތާ ފިޔާ ހިމެނޭ ކަމަށްވެސް ބުންޏެވެ. ރާއްޖޭގެ ބާޒާރުން ފިޔާ ލިބުމުން ދަތިވުމުން އެސްޓީއޯ އިން ވެސް ގެންދަނީ ފިޔާ ގެނައުމުގެ މަސައްކަތް ކުރަމުންނެވެ. މާލޭގެ ބާޒާރުން ފިޔާ ބަސްތާއެއް މިވަގުތު އުޅެނީ 450 ރުފިޔާއާއި 500 ރުފިޔާއާ ދެމެދުގެ އަގެއްގަ އެވެ. ފިޔާ ކިލޯއެއް ބާޒާރުން ލިބެން ހުރީ 20 ރުފިޔާ އާއި 30 ރުފިޔާއާ ދެމެދުގެ އަގެއްގަ އެވެ.