ޑްރަގު އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދެވޭ ގޮތަށް އިސްލާހެއް

އަވަސް

30 ޖުލައި 2025 | ބުދަ | 10:47

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދެވޭ ގޮތަށް މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ގެންނަ އިސްލާހު ގެނައުމަށްޓަކައި އެ ބިލް އިތުރަށް ދިރާސާ ކުރަން ކަމާ ގުޅޭ އިދާރާތަކުގައި ދަންނަވާފައިވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދެންމެ ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުއިއްޒު ސޯޝަލް މީޑިއާގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަސްތުވާތަކެތީގެ ވަބާއިން ދިވެހި މުޖްތަމައު ސަލާމަތްކޮށް، މަސްތުވާތަކެތިން ދުރުހެލިވެފައިވާ ޖީލެއް ބިނާކުރުމަކީ މިސަރުކާރުގެ އެންމެ މުހިއްމު އެއް އަމާޒު ކަމަށެވެ. އެގޮތުން މަޖިލީހަށް މިހާރު ހުށަހަޅާފައިވާ މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްގައި، މަސްތުވާތަކެތި އެތެރެކުރުމުގެ ނުވަތަ ވިޔަފާރިކުރުމުގެ ކުށް ސާބިތުވާ ފަރާތްތަކަށް ދުނިޔޭގެ ބައެއް އެހެން ގައުމު ތަކުގައިވެސް ކަން ކުރާ ގޮތަށް، މަރުގެ އަދަބު ހިމެނޭހެން ބޮޑެތި އަދަބުތައް ކަނޑައެޅުމަށްޓަކައި އެ ބިލް އިތުރަށް ދިރާސާކުރުމަށް ސަރުކާރުގެ ކަމާގުޅުން ހުރި އިދާރާތަކުގައި ވަނީ ދަންނަވާފައި ކަމަށްވެސް ވިދާޅުވި އެވެ. މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގައި މިހާރު އޮންނަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރާ މީހުން އެއްލައްކަ ރުފިޔާ އާއި 10 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖުރިމަނާކޮށް އުމުރަށް ޖަލަށްލާ ގޮތަށެވެ. ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްގައި އޮތީ ބިލްގެ ޖަދުވަލު އެކެއްގައިވާ މަސްތުވާއެއްޗެއް ވަކި އަދަދަކަށް ވުރެ ގިނައިން ރާއްޖެ އެތެރެކޮށްފިނަމަ މަރުގެ އަދަބު ދެވޭ ގޮތަށެވެ. ރާއްޖޭގައި މިވަގުތު މަރުގެ އަދަބު ކަނޑައެޅިފައިވާ ހަމައެކަނި ކުށަކީ ގަސްދުގައި މީހަކު މަރައިފި ކަމަށް ސާބިތުވާ ހާލަތެވެ. ރާއްޖޭގައި 1953 ވަނަ އަހަރުގެ ފަހުން މަރުގެ ހުކުމެއް ތަންފީޒުކޮށްފައެއް ނުވެ އެވެ.

މައުޟޫޢުތަށް