ގްރީން ޓެކްސްގެ ގޮތުގައި އެއް ބިލިއަން ރުފިޔާ
އަވަސް
2 އޯގަސްޓު 2025 | ހޮނިހިރު | 9:05
ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް މި އަހަރުގެ މިހާތަނަށް އެއް ބިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިއްޖެ އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް ވަނީ 1.1 ބިލިއަން ރުފިޔާ ލިބިފަ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބުނު 587 މިލިއަން ރުފިޔާއަށްވުރެ 563.4 މިލިއަން ރުފިޔާ އިތުރުވުމެކެވެ. ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމުގެ އެކި މަސައްކަތްތަކަށް ފައިސާ ހޯދުމަށް ގްރީން ޓެކްސް ނަގަން ފެށީ އޮކްޓޯބަރު 2016 އިން ފެށިގެންނެވެ. ގްރީން ޓެކުހަކީ ރާއްޖޭގައި ހިންގާ ޓޫރިސްޓު ރިޒޯޓުތަކާއި ހޮޓާތަކާއި ގެސްޓްހައުސްތަކުގެ އިތުރުން ޓޫރިސްޓް އުޅަނދުތަކަށް އަންނަ ފަތުރުވެރިންގެ އަތުން ނެގޭ ޓެކުހެކެވެ. އެ ގޮތުން ޓޫރިސްޓް ފެސިލިޓީއެއްގައި ފަތުރުވެރިއަކު ހުންނަ ކޮންމެ ދުވަހަކަށް މި ޓެކްސް ނަގަ އެވެ.
މި ޓެކްސް އިން އިސްތިސްނާ ވަނީ އުމުރުން ދެ އަހަރު ނުވާ ކުޑަކުދިންނެވެ.