ހަންގޭރީގެ ފޮރިން މިނިސްޓަރާ ޝާހިދު ބައްދަލުކުރައްވައިފި
އަވަސް
2 އޯގަސްޓު 2025 | ހޮނިހިރު | 2:55
އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ހަންގޭރީގެ ފޮރިން މިނިސްޓަރު ޕީޓަ ސިހާޓޯއާއި ބައްދަލުކުރައްވައިފި އެވެ.
ހަންގޭރީގެ ވެރިރަށް ބުޑަޕެސްޓްގައި އިއްޔެ އޮތް މި ބައްދަލުކުރެއްވުމުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ބެހޭ ގޮތުންނާއި، ސުލްހައަށް ދުނިޔެ ބޭނުންވެފައިވާ މިންވަރާއި ބެހޭ ގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވި އެވެ. ފޮރިން މިނިސްޓަރުގެ މަގާމުގައި ހުންނެވިއިރު ޝާހިދު އެކި ފަހަރުމަތިން ހަންގޭރީގެ ފޮރިން މިނިސްޓަރާ ބައްދަލުކުރެއްވި އެވެ. އަދި 2022 ވަނަ އަހަރު، ސިހާޓޯ ވަނީ ރާއްޖެއަށް ރަސްމީ ދަތުރުފުޅެއްވެސް ކުރައްވާފަ އެވެ. ޝާހިދުގެ ވަޒީރުކަމުގައި ހަންގޭރީއާއެކު ކުރެވުނު މަޝްވަރާތަކުން ހަންގޭރީއިން ރާއްޖެއަށް ކޮންމެ އަހަރަކު 15 ސްކޮލަޝިޕް ދިނުމުގެ އެއްބަސްވުމެއްގައި 2021 ވަނަ އަހަރު އެމްޑީޕީ ސަރުކާރުގައި ސޮއި ކުރެވުނެވެ. އަދި 2022 ވަނަ އަހަރު ޝާހިދުގެ ދައުވަތަކަށް ސިހާޓޯ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި، މި އެއްބަސްވުން އާ ކުރެވި، ކޮންމެ އަހަރަކު ދޭ ސްކޮލަޝިޕްތަކުގެ އަދަދު 25 އަށް އިތުރުކުރެވުނެވެ. މި ސްކޮލަރޝިޕް ސްކީމްގެ ދަށުން މިހާރުވެސް ހަންގޭރީއަށް ދަރިވަރުން ކިޔަވަންދެއެވެ. ހަންގޭރީ ފޮރިން މިނިސްޓްރީގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި، ދުނިޔެއަށް ދިމާވެފައިވާ ހަނގުރާމައިގެ ހާލަތްތަކާއި ބެހޭ ގޮތުންނާއި ދޭދޭ ގައުމުތަކުގެ މެދުގައި މަޝްވަރާތައް ކުރުމުގައި އދގެ މެދުވެރިއެއްގެ ދައުރާއި ބެހޭ ގޮތުން އދގެ އާއްމު މަޖިލީހުގެ ކުރީގެ ރައީސް ޝާހިދުއާއި މަޝްވަރާކުރެއްވި ކަމަށް ސިހާޓޯ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ.