ދުންފަތް ވިއްކުމަށް 209 ލައިސަންސް ދޫކޮށްފި
އަވަސް
2 އޯގަސްޓު 2025 | ހޮނިހިރު | 6:35
ދުންފަތުގެ އުފެއްދުންތައް ވިއްކުމަށް ހާއްސަ ލައިންސަންސް މިހާތަނަށް 200 އަށް ވުރެ ގިނަ ފަރާތަށް ދޫކޮށްފި އެވެ.
ދުންފަތުގެ އުފެއްދުންތައް ވިއްކާނަމަ ލައިސަންސް ނަގަން ޖެހޭ ގޮތައް ގާނޫނު އިސްލާހުކޮށް އަމަލުކުރަން ފެށީ މިދިޔަ ޖެނުއަރީ 15 ވަނަ ދުވަހުން ފެށިގެންނެވެ. މިއިސްލާހާ ގުޅިގެން ދުންފަތުގެ ވިޔަފާރިކުރާ ކޮންމެ ފަރާތަކުންވެސް ސަރުކާރުގެ ކަމާބެހޭ އިދާރާއިން ދޫކުރާ ވިޔަފާރިކުރުމުގެ ހުއްދައިގެ އިތުރުން، ހެލްތު މިނިސްޓްރީން ދޫކުރާ ހާއްސަ ލައިސެންސެއް ނަގަންޖެހެ އެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ދުންފަތް ކޮންޓްރޯލް ކުރުމާ ގުޅޭ އާންމު ގަވައިދުގެ ދަށުން ދޫކުރާ ލައިސަންސް ހޯދުމަށް މިދިޔަ އޭޕްރީލް މަހުގެ 17 އެޕްރީލް ވަނަ ދުވަހުުގެ ނިޔަލަށް 767 އެޕްލިކޭޝަން ހުށަހަޅާފައިވާ ކަމަށާއި 652 އެޕްލިކޭޝަން ވެރިފައިކޮށްފައިވާ ކަމަށެވެ. މީގެތެރޭގައި ތެރޭގައި ހިމެނެނީ ޓޮބޭކޯ ވެންޑަ ލައިސަންސަށް އެދި ހުށަހެޅި 608 އެޕްލިކޭޝަނާއި، ޓޮބޭކޯ ނިއު ޕްރޮޑަކްޓް ރެޖިސްޓްރޭޝަނަށް ހުށަހެޅި 15 އެޕްލިކޭޝަނާ،އި ޓޮބޭކޯ އިމްޕޯޓް ލައިސަންސް ހޯދަން އެދި ހުށަހެޅި 28 އެޕްލިކޭޝަނެވެ. އަދި ޓޮބޭކޯ ރީ އެކްސްޕޯޓް ލައިސަންސަށް އެއް އެޕްލިކޭޝަން ވެރިފައިކޮށްފައިވާ ކަމަށްވެސް ބުންޏެވެ. އެޗްޕީއޭ އިން ބުނީ ޝަރުތު ފުރިހަމަ ނުވާތީ 243 އެޕްލިކޭޝަން ކެންސަލް ކޮށްފައިވާ ކަމަށާއި އަދި އިސްލާހުކުރަންޖެހޭ ބައެއް ކަންކަން ހުރުމުން 177 އެޕްލިކޭޝަނަކަށް ހުއްދަ ނުދީ މިވަގުތު ހިފަހައްޓާފައިވާ ކަމަށެވެ. އަދި ދުންފަތުގެ ބާވަތްތައް ވިއްކުމުގެ ހުއްދަ 209 ފަރާތަކަށް މިހާތަނަށް ދީފައިވާ ކަމަށްވެސް ބުންޏެވެ. ދުންފަތް ކޮންޓްރޯލްކޮށް، އާންމު ސިއްހަތު ރައްކާތެރިކުރުމަށްޓަކައި ސަރުކާރުން ގެންދަނީ ދުންފަތާ ދެކޮޅަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން ރާއްޖެއަށް ވޭޕް އެތެރެކުރުން މަނާކުރުމާއި ދުންފަތުގެ ވިޔަފާރިކުރެވޭ އެންމެ ހަގު އުމުރަކީ 21 އަހަރު ކަމަށް މިހާރު ވަނީ ކަނޑައަޅާފަ އެވެ. އަދި ދުންފަތުގެ ބާވަތްތަކާއި ވޭޕް އިން ނަގާ ޑިއުޓީވެސް ވަނީ ބޮޑުކޮށްފަ އެވެ.