ޝުޖާއުގެ ރައްދު: ގޯސްކޮށް ކަމެއް ނުކުރަން

އަވަސް

2 އޯގަސްޓު 2025 | ހޮނިހިރު | 9:27

އޭނާ ހިއްސާ އޮތް އެއްވެސް ކުންފުންޏަކުން ގާނޫނުތަކާއި ގަވައިދުތަކާ ހިލާފަށް އެއްވެސް ވިޔަފާރިއެއް ކޮށްފައި ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެ އެވެ.

ޝުޖާއު ހިއްސާވާ ކުންފުނިތަކުގެ ދިފާއުގައި އޭނާ ވާހަކަދައްކަވާފައި މިވަނީ މަރުކަޒީ ބޭންކް -- އެމްއެމްއޭގެ ދަށުން ހިންގަމުންދާ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އިން އެކުލަވާލި ކަމަށް ބުނާ ރިޕޯޓެއްގެ ބައިތަކެއް "ހަސަން ކުރުސީ"ގެ ނަމުގައި ހިންގާ ސޯޝަލްމީޑިއާ އެކައުންޓްތަކުން އާންމުކޮށްފައި ވަނިކޮށެވެ. އެ ރިޕޯޓްގައި ވަނީ ޝުޖާއު ހިއްސާވާ ކުންފުނިތަކަށް ބޮޑެތި އަދަދުތަކުން ފައިސާ ވަންނަ ގޮތާ ދޭތެރޭ ސުވާލު އުފައްދާފަ އެވެ. އަދި އެގޮތަށް ހޯދާ ފައިސާގެ ތެރެއިން މަނީލޯންޑާ ކުރާ ކަމަށްވެސް ތުހުމަތުކޮށްފައިވެ އެވެ. ދިފާއުގައި ޝުޖާއު މިރޭ ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާ ހިއްސާވާ ވިޔަފާރި ކުންފުނި -- އޮފިޝަލް އިވެންޓްސްއާ ގުޅުވާ ސޯޝަލްމީޑިއާގައި ފަތުރަމުން ދަނީ އަސްލެއް ކަމެއް ނުވަތަ ފޭކެއް ކަމެއް އޭނާއަށް އެނގިވަޑައިނުގަންނަވާ ކަމަށެވެ. "ސަބަބަކީ އެކަމުގެ އެއްވެސް މައުލޫމާތެއް އެވެސް ރަސްމީ އިދާރާއަކުން އަޅުގަނޑަށް ލިބިފައި ނުވާތީ އެވެ،" ޝުޖާއު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ސޯޝަލްމީޑިއާގައި އާންމުކޮށްފައިވަނީ ސައްހަ ލިޔުމެއް ނަމަ އެއީ އެ މަސައްކަތްތައް ކާމިޔާބު ކުރި ގޮތާއި އެ މަސައްކަތް ކުރި ގޮތް ވަރަށް ބޮޑަށް އޮޅޭ ގޮތަށް ނުވަތަ ގަސްދުގަައި ހަގީގަތް އޮޅުވާލައި، އޭނާގެ ކުންފުންޏަށް ގެއްލުން ދިނުމުގެ މަގުސަދުގައި ކޮށްފައިވާ ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. "އަޅުގަނޑުމެންގެ ކުންފުންޏަކީ ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވައިދުތަކުގެ ތެރެއިން މާތްاللهގެ ވާގިފުޅާއެކު ކާމިޔާބު މަސައްކަތްތަކެއް ކުރަމުން އަންނަ ކުންފުންޏެކެވެ. ރައީސް ޔާމީން، ރައީސް ސޯލިހް އަދި ރައީސް ޑރ. މުއިއްޒުގެ ވެރިކަމުގައިވެސް ހެދިފައިވާ އުސޫލުތަކުގެ ތެރެއިން އެކި ޕްރޮޖެކްޓުތައް ވާނީ ކާމިޔާބުކަމާއެކު ހިންގާފަ އެވެ،" އޭނާ ވިދާޅުވި އެވެ. ޝުޖާއު ވިދާޅުވީ މަސައްކަތްތަކުގެ ބިޑުތައް އޭނާގެ ކުންފުންޏަށް ކާމިޔާބުވެފައިވަނީ "ތަޖުރިބާ އާއި މަސައްކަތުގެ ފެންވަރު ވަރަށް ބޮޑު ތަނުން ރަނގަޅުވީމާ ކަމީ ފެންނަން އޮތް ހަޤީގަތެއް" ކަމަށެވެ. "އެކަންކަން އަޅުގަނޑުމެންގެ މަސައްކަތްތަކުން ފެންނާނެ،" ދިފާއުގައި އޭނާ ވިދާޅުވި އެވެ. ޝުޖާއު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް ކަމަށް ވިޔަސް އަދި ދިވެހި ކޮންމެ ރައްޔިތަކަށްވެސް މިނިވަންކަމާއެކު ވިޔަފާރިކޮށް އުޅުމަށް ލިބިދޭ ހައްގުގެ ތެރެއިން ވިޔަފާރި ފުޅާކޮށް ކުރިއަށް އޮތް ތަނުގައިވެސް މަސައްކަތްތައް ކުރިއަށް ގެންދިއުމަކީ އުއްމީދެއް ކަމަށެވެ. "އަަޅުގަނޑާއި އަޅުގަނޑު ހިއްސާ އޮންނަ އެއްވެސް ކުންފުންޏަކާ ގުޅޭގޮތުން މިއަދާ ހަމައަށްވެސް އަދި ދުވަހަކުވެސް އެއްވެސް އިދާރާއަކުން އެއްވެސްކަމެއް ސާފުކޮށް އެއްވެސް މައްސަލައެއް ބަލާފައެއް ނެތެވެ. އަދި އިންޝާالله ބަލަންޖެހޭ މައްސަލައެއް ނުވެސް އޮންނާނެ އެވެ. އަދި އެއްވެސް މައްސަލައެއް ބަލަން އޮތްނަމަ ކަމާބެހޭ އިދާރާތަކުން ތަހުގީގު ކުރަންވާނެ އެވެ،" ޝުޖާއު ވިދާޅުވި އެވެ. ޝުޖާއު އިތުރަށް ވިދާޅުވީ ހަގީގަތެއް ނެތް ކަންކަމުގެ މައްޗަށް ބިނާކޮށް ދައްކާ ވާހަކައަކުން އޭނާ ކުރާ ސިޔާސީ މަސައްކަތްތައް ހުއްޓޭނެ ކަމަށް ބަޔަކު ދެކުމަކީ މޮޔަ ކަމެއް ކަމަށެވެ.

މައުޟޫޢުތަށް