ޖޫންގެ ނިޔަލަށް 44,800 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓްކޮށްފި

އަވަސް

3 އޯގަސްޓު 2025 | އާދިއްތަ | 9:42

ރާއްޖެއިން މި އަހަރުގެ ޖޫންގެ ނިޔަލަށް 44,800 މެޓްރިކް ޓަނަށްވުރެ ގިނަ މަސް އެކްސްޕޯޓްކޮށްފި އެވެ.

މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ޖެނުއަރީ އިން ޖޫން މަހުގެ ނިޔަލަށް ރާއްޖެއިން 44,877.7 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓްކޮށްފައިވެ އެވެ. މިއީ ފާއިތުވި 2024 ވަނަ އަހަރުގެ މި މުއްދަތުގައި ރާއްޖެއިން ބޭރުކުރި 26,850.8 މެޓްރިކް ޓަނުގެ މަހާ އަޅާބަލާއިރު 18،026.9 މެޓްރިކް ޓަނު އިތުރުވުމެކެވެ.

ރާއްޖެއިން މި އަހަރު އެންމެ ގިނައިން އެކްސްޕޯޓް ކުރީ ކަޅުބިލަ މަހެވެ. އެ ގޮތުން ޖޫން މަހުގެ ނިޔަލަށް 36،148 މެޓްރިކް ޓަނުގެ ކަޅުބިލަ މަސް ރާއްޖެއިން އެކްސްޕޯޓްކޮށްފައިވެ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ބޭރުކުރީ 17،254 މެޓްރިކް ޓަނުގެ ކަޅުބިލަ މަހެވެ. ކަޅުބިލަ މަހުގެ އެކްސްޕޯޓް އިތުރުވި ނަމަވެސް ރީނދޫ އުރަހަ ކަންނެލި ބޭރު ކުރި މިންވަރާއި މަސްދަޅު އަދި ޕޯޗްޑްގެ ގޮތުގައި ބޭރު ކުރި މަހުގެ މިންވަރު ވަނީ ދަށަށް ގޮސްފަ އެވެ. ރީނދޫ އުރަހަ ކަންނެލީގެ ގޮތުގައި މިދިޔަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް 5،137 މެޓްރިކް ޓަނު ބޭރުކުރިއިރު މަސްދަޅު އަދި ޕޯޗްޑްގެ ގޮތުގައި 3،551 މެޓްރިކް ޓަނުގެ މަސް ބޭރުކުރި އެވެ. ނަމަވެސް މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ނިޔަލަށް ރީނދޫ އުރަހަ ކަންނެލީގެ ގޮތުގައި ބޭރުކުރީ 4،496 މެޓްރިކް ޓަނުގެ މަހެވެ. މަސްދަޅު އަދި ޕޯޗްޑްގެ ގޮތުގައި ބޭރުކުރީ 3،056 މެޓްރިކް ޓަނުގެ މަހެވެ.

މައުޟޫޢުތަށް