ދޯންޏެއް އަޑިއަށް، ދަތުރުކުރި މީހުން ސަލާމަތްކޮށްފި

އަވަސް

3 އޯގަސްޓު 2025 | އާދިއްތަ | 12:07

މާލެއިން ފުރައިގެން ތ. ވޭމަންޑޫއަށް ދަތުރުކުރި ދޯންޏެއް ފަރަށް އަރައި އަޑިއަށް ހިނގައްޖެ އެވެ.

''އަލްމަޖްރާ'' ނަމަކަށް ކިޔާ މި ދޯނި އެރީ ދިއްގިރި ކައިރި ފަރަކަށެވެ. ފުލުހުން ބުނި ގޮތުގައި އެ ދޯނި ފަރަށް އަރައި ދިޔަވެ، އަޑިއަށްދާ ކަމުގެ މައުލޫމާތު ލިބުނީ މިއަދު ފަތިހު 5:34 ހާއިރު އެވެ. "މި ރިޕޯޓާ ގުޅިގެން ވ. އަތޮޅު ފުލުހުން އެ ސަރަހައްދަށް ދިޔައިރު، އެ ދޯނިން ދަތުރުކުރި ތިން މީހުން ހާލުގައި ޖެހިފައި ފަރުމަތީގައި ތިއްބައި ވަނީ ފެނިފައި. އަދި އެ މީހުން ފުލުހުންގެ ލޯންޗަށް ނަގައި މިހާރު ވަނީ ފެލިދޫއަށް ގެންގޮސްފައި. ތިން މީހުންގެ ހާލު ވެސް ރަނގަޅު،" ފުލުހުން ބުންޏެވެ.

އެއީ ދިވެއްސަކާއި ބަންގްލަދޭޝްގެ ދެ މީހުން ކަމަށް ފުލުހުން ބުންޏެވެ. ދޯނި އަޑިއަށް ދިޔައިރު އެ ދޯނީގައި ގިނަ އަދަދެއްގެ ޕީވީސީ ފިލާ އަދި އެބާވަތުގެ ގިނަ ސާމާނު ހުންނާނެ ކަމަށް އެ މީހުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި ދޯނީގައި ހުރި ތަކެތި އޮޔާދާތީ އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް ފުލުހުން ވަނީ އެދިފަ އެވެ.

މައުޟޫޢުތަށް