ފްލެޓު ދިނުމުގައި އިސްކަންދޭނީ 76 ޕޮއިންޓަށް ވުރެ މަތިން ލިބުނު މީހުންނަށް
އަވަސް
4 އޯގަސްޓު 2025 | ހޯމަ | 5:28
ގެދޮރުވެރިޔާ ސްކީމުގެ ކުރީގެ ފައިނަލް ލިސްޓުގައި 76 ޕޮއިންޓަށް ވުރެ މަތިން ލިބުނު މީހުންނަށް ފްލެޓު ނުދީ 75 ޕޮއިންޓް ލިބުނު މީހުންނަށް ފްލެޓު ދީފައިވާކަން ފާހަގަކުރެވިފައިވާތީ ފްލެޓް ދިނުމުގައި އިސްކަންދޭނީ 76 ޕޮއިންޓުން މަތިން ލިބުނު މީހުންނަށް ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.
ހައުސިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ 75 ޕޮއިންޓް ލިބުނު މީހުންގެ ފްލެޓާ ގުޅޭ ކަންކަން ދެން ކުރިއަށް ގެންދާނީ 76 ޕޮއިންޓަށް ވުރެ މަތިން ލިބުނު މީހުންގެ ފްލެޓްތައް ކަނޑައަޅައި ނިންމުމަށްފަހު ކަމަށެވެ. މިބަޔާނުގައި ބުނެފައިވަނީ ހައުސިން މިނިސްޓްރީން ކުރިން ކަނޑައަޅާފައިވާ އުސޫލުގެ ދަށުން ގެދޮރުވެރިޔާ ސްކީމުގެ ފައިނަލް ލިސްޓުގައި ހިމެނޭ މީހުންގެ ތެރެއިން ފުރަތަމަ ބުރުގައި ތިން ކޮޓަރީގެ ފުލެޓް ލިބެނީ 76 ޕޮއިންޓުން ފެށިގެން މަތިން މާކްސް ލިބޭ މީހުންނަށް ކަމަށެވެ. އެހެންވެ އެފަދަ މީހުންނަށް ފްލެޓް ދޫކުރުމަށްފަހު ބާކީވާ ފުލެޓްތައް 75 ޕޮއިންޓް ލިބިފައިވާ މީހުންގެ ތެރެއިން ގުރުއަތަކުން ހޮވޭ ބަޔަކަށް ދޭނެ ކަމަށެވެ. ފުރަތަމަ ބުރުގައި ދެ ކޮޓަރީގެ ފުލެޓް ލިބޭނީ 73 ޕޮއިންޓުން ފެށިގެން މަތިން ޕޮއިންޓް ލިބިފައިވާ މީހުންނަށް ކަމަށްވެސް ބަޔާނުގައިވެ އެވެ. ހައުސިން މިނިސްޓްރީގެ މި ނިންމުމާ ގުޅިގެން 75 ޕޮއިންޓް ލިބުނު ބައެއް މީހުންނާ އެކު އެއްބަސްވުމުގައި ސޮއިކުރުން ވަނީ މަޑުޖައްސާލާފަ އެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ނޮވެމްބަރު، 16، 2023 ގައި ފްލެޓް ލިބޭ މީހުންގެ މެދުގައި ގުރުއަތު ނެގިއިރު 76 ޕޮއިންޓަށް ވުރެ މަތިން ޕޮއިންޓް ލިބިފައިވާ ބައެއް މީހުންނަށް ފްލެޓް ހަމަޖައްސާފައި ނުވަނީސް 75 ޕޮއިންޓަށް ވުރެ މަތިން ލިބުނު މީހުންނަށް ފްލެޓް ކަނޑައަޅަން ގުރުއަތު ނަގާފައިވާ ކަމަށްވެސް ބަޔާނުގައިވެ އެވެ. އެކަމަކު މިމައްސަލަ ދިމާވެފައިވަނީ ކިހާ އަދަދެެއް ބަޔަކަށް ކަމެއް މިނިސްޓްރީން ނުބުނެ އެވެ. ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދަމުންދާ 4،000 ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓް ގެޒެޓް ކުރީ ރައީސް ސޯލިހްގެ ވެރިކަމުގައި ނޮވެމްބަރު 4، 2023 ގައެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އާ ލިސްޓެއް ފަހުން ނެރުނު ނަމަވެސް ލިބުނު ޝަކުވާތަކާ ގުޅިގެން މިހާރު ނިންމާފައިވަނީ ރައީސް ސޯލިހްގެ ވެރިކަމުގައި އެކުލަވާލި ދާއިމީ ލިސްޓްގައި ތިބި މީހުންގެ ތެރެއިން މައްސަލައެއް ނެތް މީހުންނަށް ފްލެޓް ހަވާލުކުރާށެވެ. ފްލެޓްގެ އެއްބަސްވުމުގައި ސޮއި ކުރި ނަަމަވެސް ތަޅުދަނޑި ހަވާލުކުރަން ނިންމާފައިވަނީ ފްލެޓަށް ދައްކަން ޖެހޭ ސެކިއުރިޓީ ޑިޕޮސިޓް ދެއްކުމުންނެވެ. އެއީ ދެ ކޮޓަރީގެ އެޕާޓްމަންޓްތަކަށް 15،000 ރުފިޔާ އަދި ތިން ކޮޓަރީގެ އެޕާޓްމަންޓްތަކަށް 25،000 ރުފިޔާ އެވެ.