އަސާސީ ކާބޯތަކެތީގެ އަގުތައް ދެނެގަތުމަށް އާ އިންޑެކްސްއެއް ތައާރަފުކުރަނީ
އަވަސް
5 އޯގަސްޓު 2025 | އަންގާރަ | 9:47
ދިވެހިން އާންމުކޮށް ބޭނުންކުރާ ކާބޯތަކެތީގެ އަގުތައް ދެނެގަތުމަށް "އެސެންޝަލް ކޮމޮޑިޓީ ޕްރައިޒް އިންޑެކްސް" އެއް ތައާރަފުކުރަން ނިންމައިފި އެވެ.
ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ އަގުތައް ކޮންޓްރޯލް ކުރުމުގެ ގޮތުން ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ތައާރަފުކުރާ އިންޑެކްސް ދެ ދުވަހެއްގެ ތެރޭގައި އާންމުކުރާނެ ކަމަށެވެ. "ބޭސްލައިން އައިޓަމްތަކެއް މި ކްރިއޭޓް ކުރީ. 162 އައިޓަމް ހިމަނައިގެން. އޭގެ ތެރޭގައި ގޭބީސީތަކުން އާންމުކޮށް ކެއިން ބުއިމުގައި ބޭނުން ކުރާ 111 އައިޓަމަކާއި މޭވާ އަދި ތަރުކާރީގެ 39 ބާވަތަކާއި މަސް ނުވަތަ މަހުގެ ބާވަތްތައް ހިމެނޭ 10 އައިޓަމާއި ހަކަތައިގެ ބާވަތްތައް ހިމެނޭ ދެ އައިޓަމް،" އިކޮނޮމިކް މިނިސްޓަރު ސައީދު ވިދާޅުވި އެވެ. މިނިސްޓަރު ސައީދު ވިދާޅުވީ އެސެންޝަލް ކޮމޮޑިޓީ ޕްރައިޒް އިންޑެކްސްގެ ތެރެއިން އާންމުކޮށް ގޭބީސީތަކުން ބޭނުން ކުރާ ބާވަތްތަކުގެ އަގުތައް ދެނެގަނެވި، އަގުތައް ކޮންޓްރޯލް ކުރުމަށް އިތުރު ފިޔަވަޅުތައް އެޅޭނެ ކަމަށެވެ. އެ ގޮތުން 35 ބާވަތަކީ ސަބްސިޓިއުޓެއް ނުވަތަ ބަދަލުގައި އެހެން އެއްޗެއް ބޭނުން ނުކުރެވޭ ފަދަ ބާވަތްތަކުގެ ގޮތުގައި ދެނެގަނެ އެއީ ކްރިޓިކަލް އައިޓަމްތަކުގެ ގޮތުގައި ފާހަގަކޮށްފައިވާނެ ކަމަށް ސައީދު ވިދާޅުވި އެވެ.