މިވަގުގަށް އެންމެ މުހިންމީ ޣައްޒާއަށް ކާބޯތަކެތި ވެއްދުން: ޓްރަމްޕް
އަވަސް
6 އޯގަސްޓު 2025 | ބުދަ | 7:42
އިޒުރޭލުން މުޅި ޣައްޒާ އިސްތިއުމާރުކުރަން އުޅޭ ޚަބަރުތަކާ ބެހޭ ގޮތުން އެމެރިކާ ދެކޭ ގޮތް އޮޅުވައިދެއްވުމަށް ނޫސްވެރިއަކުން ސުވާލުކުރުމުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ މިވަގުގަށް އެންމެ މުހިންމީ ޣައްޒާއަށް ކާބޯގަކެތި ވެއްދުން ކަމަށެވެ. އަދި ޣައްޒާއަށް ކާބޯތަކެތި ވެއްދެން ހުރި ހުރިހާ ގޮތެއް، މެދުއިރުމަތީގެ އަރަބި ގައުމުތަކާ ގުޅިގެން އެމެރިކާ ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. ނޫސްވެރިޔާ ކުރި ސުވާލަށް ސީދާ ޖަވާބެއް ޓްރަމްޕް ނުދެއްވި އެވެ.
އިޒުރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ހަވާލާދީ ނޫސްތަކުން މި ހަފުތާގައި ފެތުރި އެންމެ ނުރައްކާތެރި ޚަބަރަކީ، ޣައްޒާއަށް އަރައިގަނެ މުޅި ޣައްޒާ އިސްތިއުމާރުކުރުމަށް، ސިފައިންނަށް އިޒުރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ އަމުރުކުރެއްވި ވާހަކަ އެވެ. މި އަމުރު އަދި ތަންފީޒުކުރަން ފަށާފައި ނުވި ނަމަވެސް، މި ވަރުގެ އަމުރަކާ ހަމަހައަށް އައިސްފައި ވަނީ -- ނަތަންޔާހޫ ވިދާޅުވި ގޮތުން ރައީސް ޓްރަމްޕްގެ ވެސް ރުހުމުގަ އެވެ. އިޒުރޭލުން ބޭނުން ކޮންމެ ކަމެއް ޣައްޒާގައި ހިންގުމަށް އެމެރިކާ ސަރުކާރުން ހުއްދަދީފައި އޮތް ކަމަށް ވެސް އިޒުރޭލުގެ ނޫސްތަކުން ވަނީ ބުނެފަ އެވެ.
ޓްރަމްޕް ވިދާޅުވި ގޮތުން އެމެރިކާގެ އެޖެންޑާގެ ކުރީގައި އޮތް އައިޓަމަކީ ޣައްޒާއަށް ކާބޯތަކެތި ފޯރުކޮށްދިނުމެވެ. އަދި ކާބޯތަކެތި ނުލިބުމުގެ ސަބަބުން އެތައް ބަޔަކު ބަނޑަށް މަރުވާ ވާހަކަ ރަނގަޅަށް ބަލައި އެހީ ފޯޜުކޮށްދިނުމަށް އެމެރިކާ ސަރުކާރުން މަސައްކަތްކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.