ލޯންޗެއް ބަންޑުން ޖަހާލައި ބަޔަކު ކަނޑުވެއްޖެ
އަވަސް
7 އޯގަސްޓު 2025 | ބުރާސްފަތި | 10:46
ހދ. ކުމުންދޫ ކައިރިން ލޯންޗެއް ބަންޑުން ޖަހާލައި ބަޔަކު ކަނޑުވެއްޖެ އެވެ.
މި ލޯންޗު ބަންޑުން ޖަހާލިކަމުގެ މައުލޫމާތު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއަށް ލިބުނީ މިއަދު ހެނދުނު 08:45 ހާއިރު އެވެ. އެމްއެންޑީއެފުން ބުނީ ހަތަރު މީހުންނާއެކު ކުމުންދޫ ކައިރިން ބަންޑުން ޖަހާލި ލޯންޗަކުން ކަނޑުވެ، ހާލު ދެރަވި ދެ މީހަކު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއިން ކުޅުދުއްފުއްޓަށް ގެންގޮސްދީފައިވާ ކަމަށެވެ. އެ ދެ މީހުންނަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި މިހާރު ދަނީ ފަރުވާދެމުންނެވެ. ލޯންޗުން ކަނޑުވި އަނެއް ދެމީހުން، ލޯންޗުގެ ވެރިފަރާތުން ފޮނުވި ސަޕްލައި ދޯންޏަކަށް ނަގާފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.