ހިޔާ ފްލެޓަކުން 242 ވޭޕް ފުޅި ފެނިއްޖެ
އަވަސް
8 އޯގަސްޓު 2025 | ހުކުރު | 4:40
ހުޅުމާލޭގެ ހިޔާ ފްލެޓަކުން 242 ވޭޕް ފްލޭވާ ފުޅި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ފުލުހުން މިއަދު ބުނި ގޮތުގައި ވޭޕް ފުޅިތައް ފެނުނީ ގެވެށި އަނިޔާގެ މައްސަލައެއްގައި ހިޔާ ފްލެޓްގެ އެޕާޓްމަންޓެއް ރޭ ބަލައިފާސްކުރުމުގެ ތެރޭގަ އެވެ. ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް ގެނައި އިސްލާހާއެކު މިދިޔަ އަހަރުގެ ޑިސެމްބަރު 15 އިން ފެށިގެން ރާއްޖެއަށް ވޭޕް އެތެރެކުރުމާއި ބޭނުންކުރުން ވަނީ މަނާކޮށްފަ އެވެ. ވޭޕް މަނާކުރާ ތާރީހަށްފަހު ވޭޕްކުރަން ބޭނުންކުރާ އާލާތްތައް ރާއްޖެ އެތެރެކޮށްފިނަމަ 50،000 ރުފިޔާއިން ޖޫރިމަނާ ކުރާނެ އެވެ. އަދި ވޭޕް ކުރުމަށް ބޭނުންވާ ކޮންމެ އާލާތަކަށް 10،000 ރުފިޔާއިން ޖޫރިމަނާ ކުރާނެ އެވެ.
މީގެ އިތުރުން ވޭޕްގެ އާލާތެއް ވިއްކައިފިނަމަ 20،000 ރުފިޔާއިން ޖޫރިމަނާކޮށް، ވިއްކާ ކޮންމެ އާލާތަކަށް 10،000 ރުފިޔާއިން ޖޫރިމަނާކުރާނެ އެވެ. އޭގެ އިތުރުން ވޭޕް ބޭނުންކުރާނަމަ 5،000 ރުފިޔާއިން ޖޫރިމަނާ ކުރާނެ އެވެ.