ގާޒާ ހިސޯރުކުރުން ހުއްޓުވަން ގޮވާލައްވައިފި

އަވަސް

8 އޯގަސްޓު 2025 | ހުކުރު | 4:59

ފަލަސްތީނުގެ ގާޒާ ހިފުމަށް އިޒުރޭލުން އެކުލަވާލާފައިވާ ޕްލޭން ތަންފީޒުކުރުން ހުއްޓުވައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައިނަލްއަގްވާމީ މުޖުތަމައަށް ގޮވާލައްވައިފި އެވެ.

ގާޒާ ހިފުމަށް އިޒުރޭލުގެ ކެބިނެޓުން ފާސްކޮށްފައިވާ ޕްލޭން ތަންފީޒު ކުރާނެ ކަމަށް އިޒުރޭލުގެ ހަރުކަށި ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ ވިދާޅުވެފައިވެ އެވެ. ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވަނީ ގާޒާގެ ކޮންޓްރޯލް ހޯދަން އިޒްރޭލުން ގެންގުޅޭ ޕްލޭން ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފަ އެވެ. އިޒުރޭލުން ހިންގަން އުޅޭ އަމަލަކީ ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފު އަމަލަކަށްވާތީ އެއީ ފަލަސްތީނު ރައްޔިތުންގެ އަމިއްލަ ނިންމުމުގެ ހައްގަށް އަރައިގަތުން ކަމަށްވެސް ރައީސް ސިފަ ކުރެއްވި އެވެ. ރައީސް ވިދާޅުވީ އިޒުރޭލުން ހިންގަން އުޅޭ އަމަލުތަކާ ގުޅިގެން ފަލަސްތީނު ރައްޔިތުންނަށް ވޭނާއި ތަކްލީފްތައް ބޮޑުވެ ދެމެހެއްޓެނިވި ސުލްހައާއި ސަރަހައްދީ ހަމަޖެހުމަށް ނުރައްކާތައް ކުރިމަތިވާނެ ކަމަށެވެ. ރައީސް ވަނީ ފަލަސްތީނު ރައްޔިތުންގެ ހައްގުތަކަށް ވަކާލާތު ކުރުމުގައި ރާއްޖެ ދެމިއޮންނާނެ ކަމުގެ ޔަގީންކަންވެސް ދެއްވާފަ އެވެ. ގާޒާގެ ކޮންޓްރޯލް ހޯދުމަށް ނުވަތަ ފަލަސްތީނުގެ ސިޔާދަތަށް އުނިކަން ގެނައުމަށް ކުރެވޭ އެއްވެސް މަސައްކަތެއް ރާއްޖެއިން ބަލައިނުގަންނާނެ ކަމަށްވެސް ވިދާޅުވި އެވެ. ރައީސް ވަނީ އިޒްރޭލުން ފަލަސްތީނު ސަރަހައްދުތަކުގައި ހިންގާފައިވާ އެންމެހާ ގާނޫނާ ހިލާފު އަމަލުތަކަށް އެ ގައުމު ޒިންމާދާރުކުރުވުމަށް އަވަސް ފިޔަވަޅުތައް އެޅުމަށްވެސް ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވާލައްވާފަ އެވެ.

މައުޟޫޢުތަށް